ގޭންގަކުން ފުލުހަކު ބްލެކްމެއިލްކޮށް އެ އޮފިސަރުގެ އާއިލާއަށް ފުރައްސާރަ ކުރި ކަމަށް ބުނާ މައްސަލައެއް ފުލުހުން ބަލަން ފަށައިފިއެވެ.
އާންމުންގެ މީހަކު އެކްސްގައި ހިއްސާ ކުރި ޕޯސްޓެއްގަި ބުނެފައި ވަނީ ޑްރަގްގެ މައްސަލައެއްގައި ދައުވާ އުފުލޭ ގޭންގަކުން ހުޅުމާލެ ޕޮލިސްސްޓޭޝަނުގައި މަސައްކަތް ކުރަމުންދާ ފުލުހަކު ބްލެކްމެއިލްކޮށްފައިވާ ކަމަށެވެ.
އަދި އެ ފުލުސްމީހާގެ އަނބިމީހާއާއި އޭނާގެ ދަރިފުޅު ކުރިމަތީގައިވެސް ފުރައްސާރަ ކޮށްފައިވާ ކަމަށް އެމީހާ ވަނީ ތުހުމަތު ކޮށްފައެވެ. މީގެ އިތުރުންވެސް ފުލުސްމީހާގެ އާއިލާ ހިމާޔަތް ނުކުރެވޭއިރު އާންމު ފަރުދެއްގެ ރައްކާތެރިކަން ކަށަވަރު ކުރާނީ ކިހިނެއްތޯ އޭނާ ވަނީ ސުވާލު އުފައްދާފައެވެ.
މި ކަމާ ގުޅިގެން ފުލުހުންގެ ތަރުޖަމާނު، އަހުމަދު ޝިފާން އެކްސްގައި ކުރި ޕޯސްޓުގައި ބުނެފައިވަނީ ހުޅުމާލެ ޕޮލިސް ސްޓޭޝަނުން މި މައްސަލަ ތަހުގީގު ކުރަމުން ދާކަމަށެވެ. ނަމަވެސް މިހާތަނަށް ބެލި ބެލުމަށް މިކަން ހިނގި ކަމުގެ އެއްވެސް ހެއްކެއް ލިބިފައި ނުވާކަމަށް ޝިފާން ވިދާޅުވެފައި ވެއެވެ.
ފުލުހުންގެ އިތުރުން ސަލާމަތީ އެކި ބާރުތަކުން ބަލަމުންދާ މައްސަލަތަކާ ގުޅިގެން އެ އިދާރާތަކުގެ މުވައްޒަފުންނަށް މީގެ ކުރިންވެސް ވަނީ އެކި އެކި ނުރައްކަލާ ކުރިމަތިލާންޖެހިފައެވެ. އެގޮތުން ދާދިފަހުން ވަނީ ކަރެކްޝަންގެ އޮފިސަރަކު ސައިކަލުގައި މަގުމަތިން ދަނިކޮށްވެސް ކަތިވަޅިން ބިރުދައްކާފައެވެ. އަދި މިފަދަ މައްސަލަތައް ފުލުހުން ތަހުގީގު ކުރަމުންވެސް ދެއެވެ.