ޓީ-20 ވޯލްޑްކަޕްގެ ފައިނަލުން އިންޑިއާގެ ކްރިކެޓް ޓީމް ހޯދި ކާމިޔާބީ ރާއްޖޭގައި ފާހަގަކުރުމަށް މާޓީ އާއި އެމްއެމްޕީއަރްސީން އެ ޓީމަށް ދައުވަތު ދީފިއެވެ.

ބާބަޑޯސްގައި މިދިޔަ ހަފުތާ ބަންދުގައި ކުޅުނު ޓީ-20 ވޯލްޑް ކަޕް ފައިނަލުގައި ދެކުނު އެފްރިކާ ބަލިކޮށް އިންޑިއާ އިން ވަނީ 13 އަހަރަށް ފަހު ފުރަތަމަ ފަހަރަށް ވޯލްޑް ކްރިކެޓް ޗެމްޕިއަން ކަން ހޯދާފައެވެ.

މި ކާމިޔާބީ ކުލަ ގަދަކޮށް އެ ގައުމުގައި ފާޙަގަ ކުރަމުން އަންނަ އިރު، މަތީ އާއި އެމްއެމްޕީއާރްސީން މި ވަނީ ރާއްޖެއަށް އެ ޓީމްގެ ކާމިޔާބީ ފާހަގަކުރަން އައުމަށް ދައުވަތު ދީފައެވެ. އެ ގޮތުން އެ ކާމިޔާބީ ފާހަގަ ކުރުމަށް ރާއްޖޭގެ ގުދުަރަތީ ރީތި މުއްސަނދިކަން ލިބިފައިވާ ގޮނޑުދޮށަށް އައުމަށް މަޓީ އާއި އެމްއެމްޕީއާރްސީން ބުނެއެވެ.

ރާއްޖެއަށް އަންނަ ފަތުރުވެރިންގެ ތެރެއިން މިދިޔަ އަހަރު އެންމެ ގިނަ ފަތުރުވެރިން އައި ގައުމުތަކުގެ ތެރޭގައި އިންޑިއާ އަކީ އެންމެ ކުރީގައި އޮތް އެއް ގައުމެވެ. ނަމަވެސް މިއަހަރު ރާއްޖެއަށް އަންނަ އިންޑިއާ ފަތުރުވެރިންގެ އަދަދު މި ވަނީ ވަރަށް ބޮޑަށް ދަށަށް ގޮސްފައެވެ.

ކަން މިހެން ދީމާވެފައި ވަނީ މި ސަރުކާރު ވެރިކަމަށް އައި އިރު، އިންޑިއާ ސިފައިން ބޭލުމަށް ކުރި ކެމްޕެއިންގެ ތެރެއިން ސޯޝަލް މިޑިއާގައި ދައުލަތުގެ އިސް މަގާމުތަކުގައި ތިއްބެވި ބޭފުޅުން އިންޑިއާގެ ބޮޑު ވަޒީރަށް ކުޑަ އިމީސްކޮށް ދެއްކެވި ވާހަކަތަކާ ގުޅިގެންނެވެ. މިކަމާ ގުޅިގެން އިންޑިއާގެ އެތައް ބަޔަކު ވަނީ ރާއްޖެއަށް ނުދިއުމަށް ރާއްޖެ ބޮއިކޮޓް ކުރުމަށް ގޮވާލާފައެވެ. އެއާއެކު މިއހަަރުގެ ފަތުރުވެރިންގެ ތަފާސްހިސާބުން އިންޑިއާގެ ފަތުރުވެރިން މަދުވެފައިވާ ކަމަކީ މިވަގުތު ގިނަ ބަޔަކު މި ސަރުކާރު ގޯސްކޮށް ދައްކަމުން އަންނަ ވާހަކައެކެވެ.

ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އެންމެ ފަހުގެ ތަފާސްހިސާބަށް ބަލާއިރު، މިދިޔަ އަހަރުގެ މި ދުވަސްވަރު ރޭންކިންގެ އެއްވަނައިގައި އޮތް އިންޑިއާ މިއަހަރު އޮތީ ހަ ވަނައިގައެވެ. އެގޮތުން މިއަހަރު މިހާތަނަށް އިންޑިއާއިން އައި ފަތުރުވެރިންގެ އަދަދަކީ 63،940 އެވެ.