ސްޓެލްކޯ ސަބްސްޓޭޝަނެއްގެ ޓްރާންސްފޯމަރަށް ގުޅާފައިވާ ކޭބަލެއް ބުރިކޮށް ވަގަށް ނެގި މައްސަލައިގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.

ކޭބަލް ވަގަށް ގެންގޮސްފައި ވަނީ މިދިޔަ އަންގާރަ ދުވަހުއެވެ. އެއާއެކު މަޖީދިއްޔާ ސްކޫލު ހިމެނޭހެން، ހެންވޭރުގެ އަބަދަށް ފެހި މަގާ، މެދު ޒިޔާރަތް މަގާ، ކަޅު ހުރާ މަގާ އަދި ކަރަންކާމަގުގެ ބައެއް ގެތަކުން އެދުވަހު ކަރަންޓުވެސް ކެނޑިފައި ވެއެވެ.

އަދި ހަމައެހެންމެ އެ ދުވަހު އިތުރު ކޭބަލެއްވެސް ބުރިކުރުމަށް މަސައްކަތްކޮށްފައިވާ ކަމަށް އެ ކުންފުނީގެ އެމްޑީ ވަނީ މައުލޫމާތު ދެއްވާފައެވެ.

އެ މައްސަލައާއި ގުޅޭ އެންމެ ފަހުގެ މައުލޫމާތު ހިއްސާ ކުރަމުން ފުލުހުން ބުނީ، ކޭބަލް ވަގަށް ނެގިކަމުގެ ތުހުމަތުގައި 32 އަހަރުގެ ދިވެހި ފިރިހެނެއް ހައްޔަރުކޮށްފައިވާ ކަމަށެވެ. އަދި އެ މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށް އެ އިދާރާއިން ހާމަކުރި ނަމަވެސް އެ މައްސަލައާއި ގުޅޭ އިތުރު އެއްވެސް މައުލޫމާތެއް ހިއްސާ ކޮށްފައި ނުވެއެވެ.

ފަހަކަށް އައިސް މާލެ ސަރަހައްދުގައި ކަރަންޓް ކޭބަލްތައް ވަގަށް ނަގާ މައްސަލަ އިތުރުވަމުން އަންނައިރު، އަޟްހާ އީދާއި ގުޅިގެން މާލެ ޖުމްހުރީ މައިދާނުގައި ދިއްލާފައި ހުރި ބައެއް އީދު ލައިޓުތަކުގެ ކޭބަލްތައްވެސް ވަނީ ވަގަށް ނަގާފައެވެ.

ހުޅުމާލޭގެ ބައެއް މަގުތަކުގެ ކަރަންޓް ކޭބަލް ބުރިކޮށް, ވަގަށް ނަގާފައިވާ މައްސަލަވެސް ފެންމަތިވެފައިވާއިރު، އެޗްޑީސީ އިން ބުނީ މިތަކެތި ވަގަށް ނަގަނީ 'ބްލެކް މާކެޓް' ގައި ވިއްކުމަށް ކަމަށެވެ.

މިފަދަ ނޭދެވޭ އަމަލުތައް ހިންގުމުގެ ތެރޭގައި ބައެއް މީހުން ކަރަންޓުގައި ޖެހި ބޮޑެތު ހާދިސާތައްވެސް ރާއްޖޭގައި ހިނގާފައި އެބަހުއްޓެވެ.