ނޭޝަނަލް ޑްރަގް އެޖެންސީގެ ސީއީއޯކަމުން އިމާދު ސޯލިހު ވަކިކޮށްފިއެވެ.
އެ މަގާމުން އިމާދު ވަކިކުރަން ފާސްކުރީ މިދިޔަ ބުދަ ދުވަހު އެ އެޖެންސީގައި ބޭއްވި ބޯޑު ބައްދަލުވުމުގައި ބައިވެރިވި މެންބަރުންގެ އިއްތިފާގުންނެވެ. އިމާދު މަގާމުން ވަކިކުރީ މަސްތުވާތަކެއްޗާ ބެހޭ ގާނޫނުގައި އެންޑީއޭ އިން ކުރަން ލާޒިމުކޮށްފައިވާ މަސައްކަތްތައް ކޮށްފައި ނުވާތީ ކަމަށް މައުލޫމާތު ލިބެއެވެ.
އިމާދު އެ މަގާމަށް އައްޔަންކޮށްފައި ވަނީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި ނޮވެމްބަރު 1، 2022 ގައެވެ.
މިހާރު އެމްޑީޕީގެ މެންބަރެއްގެ ގޮތުގައި ހުންނެވި އިމާދަކީ ވިލާ ކޮލެޖުން މާސްޓާ އޮފް ޝަރީއާ އެންޑް ލޯއާއި މެލޭޝިއާގެ އޯޕަން ޔުނިވަސިޓީން މާސްޓާ އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން އަދި ޔުނިވަސިޓީ އޮފް ނޮޓިންގަމް އިން މާސްޓާޒް އިން އެޑިޔުކޭޝަނަލް މެނޭޖުމަންޓް ހާސިލް ކުރައްވާފައިވާ ބޭފުޅެކެވެ. އަދި އިމާދަކީ ތައުލީމީ ދާއިރާގައި ޓީޗަރެއްގެ ވަޒީފާ އިން މަސައްކަތް ފައްޓަވައިގެން އެ ދާއިރާގެ ހިންގުމުގެ މަތީ މަގާމުތައް ވެސް ފުރުއްވި ބޭފުޅެކެވެ. އެގޮތުން އެޑިޔުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަން ވެސް ކުރެއްވެވިއެވެ. އިމާދު ވަނީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަން ވެސް ކުރައްވާފައެވެ..
އެންޑީއޭގެ ސީއީއޯގެ މަގާމުން އިމާދު ވަކި ކުރުމަށްފަހު އަދި އެ މަގާމަށް ބޭފުޅަކު އަދި އައްޔަނެއް ނުކުރެއެވެ. އިމާދު ވަކި ކުރި އިރު، އެންޑީއެ އިން ކުރިއަށ ްގެންދާ މަސްތުގެ ވަބާގައި ޖެހިފައިވާ މީހުންނަށް ހިންގާ ފަރުވާގެ ޕްރޮގްރާމް ރަނގަޅަށް ކުރިއަށް ނުދާ ކަމަށް އަޑިތައް ވަނީ ފެތުރިފައެވެ. ފަރުވާ ހޯދުމަށް ޖާގަ ދޭ އިރު މަގާމުގެ ނުފޫޒު ބޭނުން ކޮށްގެން ވަކި ބަޔަކަށް އަވަހަށް ފަރުވާގެ ފުރުސަތު ދޭ ކަމުގެ ވާހަކަތައް ވެސް އަންނަނީ ދައްކަމުންނެވެ.