ކަމެއް ކާމިޔާބުވުމުގެ އެންމެ މުހިންމު ބަޔަކީ ކަމެއް ފެށުމުގެ ކުރީން އެ ކަމެއް ފުރިހަމައަށް ރޭވުމާއި، ކަންކަން ކުރާނެ ފަރާތްތަކަނޑައަޅައި ފުރިހަމައަށް ހަމަޖައްސައިފައިވުން ކަމަށް ހުކުރު ހުތުބާގައި ބުނެފިއެވެ.

މިއަދުގެ ހުކުރު ހުތުބާ ހާއްސަކޮށްފައި ވަނީ ހިޖުރައިގެ ދަރުސްތަކުގެ މައްޗަށެވެ. ހިޖުރައިން ލިބޭ ފިލާވަޅުތަކަށް ވަނީ ހުތުބާގައި އަލިއަޅުވާލާފައެވެ.

ކީރިތި ރަސޫލާ މައްކާއިން މަދީނާއަށް ކުރެއްވި ހިޖުރައާ މެދު ފުންކޮށް ވިސްނައިލަންޖެހޭކަން ފާހަގަކޮށް ހުތުބާގައި ބުނީ ހިޖުރައަކީ، ތިމާގެ އަމިއްލަ ވަޒަން ދޫކޮށް އެހެން ރަށަކަށް ދިއުމަށް ވުރެ މާ ފުޅާ މާނައެއް އޮތް ކަމެއް ކަމުގައެވެ. އެއީ، ތިބާގެ ވެރި ރަސްކަލާނގެ ރުހިވޮޑި ނުގަންނަވާ ކަންތަކާ ދުރުވުން ކަމަށް ރަސޫލާ ހަދީޘް ކުރައްވާފައިވާ ކަމަށް ހުތުބާގައި ވަނީ ބުނެފައެވެ.

ހިޖުރައިން ލިބޭ އަގުހުރި އެއް ފިލާވަޅަކީ ދީނަށް ޓަކައި ގުރުބާންވުމުގެ މަތިވެރި ފިލާވަޅު ކަމަށާއި ރަސޫލާ އުފަންވެ ވަޑައިގެން ބޮޑުފުޅުވި ރަށާއި ގާތްތިމާގެ ބޭފުޅުންނާއި، އާއިލާގެ ބޭފުޅުން ދޫކުރައްވައި މައްކާއިން ނުކުމެވަޑައިގެން މަދީނާއަށް ހިޖުރަކުރެއްވުމުގެ ދަތުރުފުޅު ފެއްޓެވީ މި ކަންކަން އިސްލާމް ދީނުގެ ދިފާއުގައި ގުރުބާންކުރައްވައިފައިކަން ހުތުބާގައި ވަނީ ފާހަގަކޮށްފައެވެ.

ހުތުބާގައި ބުނީ ހިޖުރައިން ލިބޭ އަނެއް ފިލާވަޅަކީ، ކަމެއް ކާމިޔާބުވުމުގެ އެންމެ މުހިންމު ބަޔަކީ ކަމެއް ފެށުމުގެ ކުރީން އެ ކަމެއް ފުރިހަމައަށް ރޭވުމާއި، ކަންކަން ކުރާނެ ފަރާތްތައް ކަނޑައަޅައި ފުރިހަމައަށް ހަމަޖައްސައިފައި ވުމެވެ. އެގޮތުން ބަހައިލެވިފައިވާ މަސައްކަތުގެ ތެރެއިން ހިޖުރައިގެ ކަންކަން އަސްހާބު ބޭކަލުން ކަންކަން ރޭއްވެވި ގޮތުގެ މައްޗަށް ހުތުބާގައި ވަނީ އަލިއަޅުވާލާފައެވެ.

ހިޖުރައިގެ މަތިވެރި ޒިކުރާ، ގުޅިފައި ވަނީ ރަސޫލާ ހިޖުރަ ކުރައްވައި، މައްކާއިން މަދީނާ އަށް ވަޑައިގަތް މަތިވެރި ޙާދިޘާއާކަމަށް ވާއިރު، މިއީ އިސްލާމީ ދައުލަތެއްގެ ބިންގާ އެޅިގެންދިޔަ ހާދިޘާކަން ހުތުބާގައި ވަނީ ފާހަގަކޮށްފައެވެ. އަދި ކަންކަމުގައި الله އަށް ވަކީލުކުރާން ޖެހޭކަމީ، ހިޖުރައިގެ ހާދިޘާއިން ލިބޭ އެންމެ މުހިންމު އެއް ފިލާވަޅު ކަމަށް ހުތުބާގައި ވަނީ ބުނެފައެވެ.

މާތް الله އަށް ވަކީލުކުރުމަކީ، ކަންކަން ކުރުމަށްޓަކައި ހުރި ވަސީލަތްތަކުގެ ބޭނުން ހިފުމާ އެކު، اللهގެ ހަޒުރަތުން ރައްކާތެރިކަން ލިބޭނޭކަމަށް ޔަގީންކޮށްގެން ތިބުން ކަމަށް ހުތުބާގައި ބުނެފައިވެއެވެ.

ހުތުބާގައި އިތުރަށް ވަނީ އާޝޫރާ ދުވަހު ރޯދަ ހިފުމުގެ މުހިންމުކަން ފާހަގަކޮށްފައެވެ. އެގޮތުން އެއީ ސުންނަތް ވެގެންވާ ރޯދައެއް ކަމަށާއި މާތް ނަބިއްޔާ މަދީނާއަށް ހިޖުރަ ކުރެއްވުމަށް ފަހު އާޝޫރާ ދުވަހު ރޯދަ ހިފުމަށް މުސްލިމުންނަށް އަމުރު ކުރެއްވިކަން ފާހަގަކޮށްފައިވެއެވެ.

އާޝޫރާ ދުވަހުގެ ރޯދައަކީ، ފާއިތުވެ ދިޔައަހަރު ކުރެވިފައިވާ ކުދި ފާފަތަކުގެ ކައްފާރާއެއްކަމުގައި ލެއްވުމަށް އުންމީދު ކުރައްވާ ކަމުގައި ރަސޫލާ ވަނީ ހަދީޘް ކުރައްވާފައެވެ. މި ސުންނަތް ހާސިލުކުރާން އެދޭ މީހާއަށް އޮތީ، މުހައްރަމް މަހުގެ ދިހަވަނަ ދުވަހާއި، އެ ދުވަހުގެ ކުރީން ނުވަތަ ފަހުން އެއް ދުވަހު ރޯދަހިފުމެވެ.