ފިއުޗާ ޔޫތު އެކްޝަން ޑޭގެ ސަމިޓުގައި ބައިވެރިވުމުގެ ފުރުސަތު 10 ޒުވާނުންނަށް ހުޅުވާލައިފިއެވެ.

މި ސަމިޓް ފާހަގަ ކުރަން ހަމަޖެހިފައި ވަނީ އަންނަ ސެޕްޓެމްބަރު މަހުގެ 20 ވަނަ ދުވަހުއެވެ.

ޔޫތް މިނިސްޓްރީން ބުނީ، މި ސަމިޓްގައި ބައިވެރިވުމަށް ހުޅުވާލާފައިވާ އުމުރު ފުރާއަކީ އުމުރުން 18 އަހަރާއި 30 އަހަރާ ދެމެދުގެ ޒުވާނުންނެވެ. އަދި މި ސަމިޓްގައި ބައިވެރިވާ 10 ޒުވާނުންނަށް މި ސަމިޓްގެ ހުރިހާ ހަރަދެއް އދއިން ދިނުމަށް ވަނީ ހަމަޖެހިފައި ކަމަށް ޔޫތް މިނިސްޓްރީން ބުނެއެވެ.

މި ހަރަކާތަކީ ތަފާތު ސްޓޭކްހޯލްޑަރުން އެއްތަނަކަށް ގެނެސް، ރަނގަޅު މުސްތަގުބަލަކަށް ދެމެހެއްޓެނިވި ހައްލުތަކެއް ހޯދުމުގެ މަގްސަދުގައި ދެ ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ ހަރަކާތެކެވެ. ސެޕްޓެމްބަރު މަހުގެ 20 އަދި 21 ވަނަ ދުވަހު ނިއުޔޯކްގައި ހުންނަ އދގެ މައި މަރުކަޒުގައި ބާއްވާ ސަމިޓް އޮފް ދަ ފިއުޗާ ޔޫތު އެކްޝަން ޑޭޒްގެ މަގްސަދަކީ ސަރުކާރުތަކާއި، މަދަނީ ޖަމިއްޔާތަކާއި، ވިޔަފާރިތަކާއި، ޒުވާނުންނާއި އަދި އެނޫން ވެސް ފަރާތްތަކުގެ މެދުގައި ގުޅުން ބަދަހިކުރުމެވެ. މީގެއިތުރުން މުހިންމު ކަންކަމުގައި ހަރުދަނާ ފިޔަވަޅުތަކާއެކު، މިހާރު ކުރިއަށްދާ މަސައްކަތްތައް އިތުރަށް ފުޅާކޮށް، ސަމިޓަށް ދެމެހެއްޓެނިވި ކުރިއެރުމެއް ހޯދައިދިނުމަށް ގަދައަޅާ މަސައްކަތް ކުރުން ވެސް ހިމެނެއެވެ.

މި ޔޫތު އެކްޝަން ޑޭއަކީ ޒުވާން ލީޑަރުންގެ ދިރިއުޅުމަށާއި، މުސްތަގުބަލަށާއި، އަންނަން އޮތް ޖީލުތަކަށް އަސަރުކުރާ ނާޒުކު ކަންކަމުގައި އަޑު އުފުލުމަށް ލިބޭ ފުރުސަތެއް ކަމަށް ޔޫތް މިނިސްޓްރީން ބުނެއެވެ. ބައިވެރިން ހޮވާނީ އދގެ ޔޫތު އޮފީހާއި، ޒުވާނުންގެ ޖަމިއްޔާތަކާއި، ކުރީގެ އެޑްވޮކަސީ ގްރޫޕްތައް ތަމްސީލުކުރާ ކޮމިޓީއަކުންނެވެ.

މި ސަމިޓްގައި ބައިވެރިވުމަށް އެޕްލިކޭޝަން ގައިޑްލައިން މި ލިންކުން ލިބިގެންދާނެ އެވެ. އަދި އެޕްލިކޭޝާން ފޯމް މި ލިންކުން ލިބިގެން ދާނެއެވެ.

މި ސަމިޓުގައި ބައިވެރިވުމަށް ކުރިމަތިލުމުގެ ފުރުސަތު މިމަހުގެ 10 ވަނަ ދުވަހުގެ ނިޔަލަށް ވަނީ ހުޅުވާލާފައެވެ.