ޒުވާނުންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން އަންނަ މަހު ބޭއްވުމަށް ހަމަޖެހިފައި އޮތް ޒުވާނުންގެ އިނާމު ދިނުމުގެ ޖަލްސާ (ޒުވާނުންގެ އެވޯޑް) ފަސްކޮށްފިއެވެ.

ޔޫތު މިނިސްޓްރީން މިއަދު ބުނީ، އެ ޖަލްސާ ފަސްކުރި ނަމަވެސް ފަހުގެ ތާރީހެއްގައި ބާއްވާނެ ކަމަށެވެ. ޔޫތު މިނިސްޓްރީން މި ޖަލްސާ ފަސްކުރީ މިވަގުތު ހަރަދު ކުޑަކުރުމަށް ސަރުކާރުން ގެންގުޅޭ ސިޔާސަތުގެ ދަށުންނެވެ.

ޒުވާނުންގެ އިނާމު ދިނުމުގެ ޖަލްސާ ފަސްކުރިކަން ޔޫތު މިނިސްޓްރީން ހާމަކުރީ، މި މަހު ބޭއްވުމަށް ތާވަލުކުރި ކުޅިވަރު އެވޯޑު ހަފްލާ މި އަހަރުގެ ފަހުކޮޅަށް ފަސްކުރިކަން ކުޅިވަރާ ބެހޭ ވުޒާރާއިން ހާމަކޮށްފައި ވަނިކޮށެވެ.

ކުޅިވަރާ ބެހޭ ވުޒާރާއިން މިދިޔަ މަހުގެ ފަހުކޮޅު ނެރުނު ނޫސްބަޔާނެއްގައި ބުނީ، މި އަހަރުގެ ފަހުގެ ދުވަހަކަށް އެވޯޑު ހަފްލާ ފަސްކުރަން ނިންމީ ދައުލަތުގެ ހަރަދުތައް ކުޑަކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އެޅުއްވި ފިޔަވަޅުތަކުގެ ސަބަބުން ކަމަށާއި، އެވޯޑު ހަފްލާ އާ ގުޅުންހުރި ފަރާތްތަކަށް ހިއްސާކޮށްފައި ވާނެ ކަމަށެވެ.

ދައުލަތުގެ ހަރަދުތައް ކުޑަކުރުމަށްޓަކައި ގިނަ ފިޔަވަޅުތަކެއް އަޅަން ނިންމާފައި ވާކަން ރައީސް ހާމަކުރެއްވީ މިދިޔަ ބުރާސްފަތި ދުވަހުގެރޭ ލިޔުއްވި ޕޯސްޓެއްގައެވެ. އެގޮތުން އެމަނިކުފާނު 'އެކްސް'ގައި ލިޔުއްވި ގޮތުގައި، ދައުލަތުގެ ހަރަދުތައް ކުޑަކުރުމަށްޓަކައި ސިޔާސީ މަގާމުތައް މަދުކޮށް، އެކި ހަފްލާތަކަށް ކުރާ ހަރަދުތައް ކުޑަކުރާނެއެވެ.