ހިޒްބުއްލޯގެ އިސް ކޮމާންޑަރެއް ކަމަށް ވާ މުހައްމަދު ނިމާހް ނައްސިރު މަރާލުމުގެ ބަދަލު ހިފަން އެ ޖަމާއަތުން އިޒްރޭލަށް 100 ރޮކެޓުން ހަމަލާ ދީފިއެވެ.
ލުބުނާނުގެ ދެކުނު ބިތުގައި އިޒްރޭލާއި ހިޒްބުއްލޯ އާ ދެމެދު ހަމަލާތައް ބަދަލު ކުރަމުން ދާތާ 9 މަސް ވެފައި ވާ އިރު މިއީ އިޒްރޭލުގެ ހަމަލާއެއްގައި އެ ޖަމާއަތުގެ އިސްލީޑަރަކު މަރުވި 3 ވަނަ ހާދިސާއެވެ. މީގެ ކުރިންވެސް 2 ލީޑަރަކު މަރާލާފައި ވާ އިރު, އާންމު ނަމުން ނަމަ 'ހާޖް އަބޫ ނާމިހް' އަކީ 3 ވަނަ މީހާއެވެ.
އިޒްރޭލުން ގާޒާ ހަނގުރާމަ ފެށުމާއެކު އިޒްރޭލު ސިފައިން ގާއިމުވެ ތިބޭ އެކިއެކި ތަންތަނަށް އަމާޒުކޮށް ހިޒްބުއްލޯ އިން އަންނަނީ ހަމަލާ ދެމުންނެވެ. ބަދަލުގައި އިޒްރޭލުން ގެންދަނީ ބަރުހަތިޔާރާއި މިސައިލާއި ބޮން ބޭނުން ކޮށްގެން ހިޒްބުއްލޯ ގެ މަގާމުތަކަށް ހަމަލާ ދެމުންނެވެ. މިފަދަ ހަމަލާތަކުގައި ހިޒްބުއްލޯގެ އިސް ލީޑަރުން ތިބޭ ތަންތަނަށާއި ހިޒްބުއްލޯ އިން ހަތިޔާރު ރައްކާ ކުރާ ތަންތަނަށް ހަމަލާ ދީފައި ވެއެވެ.
މި ހަމަލާ ތަކާއެކު ދެފަރާތުގެ ދެމެދުގައި ނުރައްކާތެރި ހަނގުރާމައެއް ފެށިދާނެ ކަމުގެ އިންޒާރު އެކިއެކި ފަރާތްތަކުން ދެމުން ގެންދާ އިރު އިޒްރޭލުން ބުނެފައި ވަނީ ހިޒްބުއްލޯ ނައްތާލުމަށްޓަކައި އެމީހުން ތިބީ ފުރިހަމައަށް ތައްޔާރުވެގެން ކަމަށާއި މިހާރު ގާޒާއަށް ހަދާލާ ގޮތް ލުބުނާނަށްވެސް ހަދާލެވިދާނެ ކަމަށެވެ.
ލުބުނާނުގައި އޮންނަ ހިޒްބުއްލޯ އަކީ ގާޒާގެ ހަމާސްއަށް ވުރެ މާ ވަރުގަދަ އަދި ބައިގިނަ ޖަމާއަތަކަށް ވާ އިރު އެ ޖަމާއަތުން ބުނެފައި ވަނީ, އިޒްރޭލުން އެފަދަ ހަނގުރާމައެއް ފަށައިފި ނަމަ, އިޒްރޭލުގެ ހުރިހާ މަގާމަކަށް ހަމަލާ ދޭނެ ކަމަށާއި, ކޮންތާކު ހުރި ކޮން އެއްޗެއްކަން ވަރަށް ސާފުކޮށް ހިޒްބުއްލޯ އަށް އެނގޭ ކަމަށެވެ. ހިޒްބުއްލޯ އިން ވަނީ އެކަން ސާބިތު ކޮށްދިނުމަށް ދާދި ފަހުން އިޒްރޭލުގެ އެތެރޭގެ އެތަން މިތަން ވީޑިއޯ ކޮށް އާންމުވެސް ކޮށްފައެވެ. އެ ވީޑިއޯގައޮ އިޒްރޭލުގެ އިސްތިރާޖީ އެކިއެކި ތަންތަނާއި އަސްކަރީ އެކިއެކި ސަރަހައްދުތަކާއި ހަތިޔާރު ގުދަންތަކާއި ހަމަލާއެއް ދީފާއުވާ ބެޓެރިތަކަށް ދާންދެން ހިޒްބުއްލޯ އިން ވަނީ ދައްކާފައެވެ.
ލީޑަރުގެ މަރުގެ ބަދަލު ހިފުމަށް ހިޒްބުއްލޯ އިން ދިން ރޮކެޓް ހަމަލާތަކުގެ ތެރެއިން ބައެއް ހަމަލާ އަމާޒުވެ އިޒްރޭކުގެ ބައެއް އިމާރާތްތަކާއި ތަކެއްޗަށް ގެއްލުން ވިއެވެ.