ލުބުނާނުގެ ހިޒްބުއްލޯ އަކީ ގާޒާގެ ހިމާޔަތުގައި އޮތް ޖަމާއަތަކަށް ވާތީ، އެ ޖަމާއަތް ނެތިކޮށްލުމުގެ ނަމުގައި ދޭން ފެށި ޥަރުގަދަ ހަމަލާތަކަށް 24 ގަޑިއިރު ވެފައި ވާ އިރު މަރުވި މީހުންގެ އަދަދު 492 އަށް އަރައިފިއެވެ.
މަރުވި މީހުންގެ ތެރޭގައި 35 ކުޑަކުދިންނާއި އާންމުން ހިމެނެއެވެ.
އިޒްރޭލުގެ ހަމަލާތަކުގައި މިހާތަނަށް 1645 މީހަކު ޒަހަމްވެފައި ވާއިރު، އިތުރު ހަމަލާތައް ދޭނެ ކަމަށާއި ފުރާނަ ސަލާމަތް ކުރަން ބޭނުން ނަމަ ވަޒަން ދޫކޮށް ދާން އަންގާ، އިޒްރޭލުން ވަނީ ލުބުނާނުގައި މުވާސަލާތަށް ބޭނުން ކުރާ މޮބައިލް ނެޓްވޯގައި ހިމެނޭ ހުރިހާ ފޯނަކަށް އިންޒާރުގެ މެސެޖެއްވެސް ފޮނުވާފައެވެ. އޭގެ އިތުރުން ވައިގެ މަގުން ލީފްލެޓް އަޅާ، އިންޒާރުގެ މެސެޖް ދީފައި ވާއިރު، ލުބުނާނުގެ ބައެއް އާންމުންނާ ހަވާލާދީ ބޭރުގެ ހަބަރުތަކުން ބުނީ، ގެދޮރު ދޫކޮށް ދާން ދިނީ 2 ގަޑިއިރު ކަމަށާއި ލުބުނާނުގެ ދެކުނުގެ ސަރަހައްދުތައް ދޫކޮށް 2-3 ކިލޯމީޓަރު ދުރަށް ފޭބުމަށް އަންގާފައި ވާ ކަމަށެވެ.
މީޑިއާ ތަކާ ވާހަކަ ދެއްކި ބައެއް އާންމުން ބުނީ، ގެދޮރު ދޫކޮށް ގޮސް ވަންނާނެ ތަނެއް ނޭނގޭ ކަމަށާއި، ގެދޮރު ދޫކޮށް ދާން ބުނި އިރު ވެރިރަށް ބެއިރޫތާ ހިސާބުގައި ބޭނުން ކުރާ ފޯނުތަކަށް ވެސް އިޒްރޭލުން އިންޒާރުގެ މެސެޖް ފޮނުވާފައި ވާ ކަމަށެވެ.
ހަބަރުތައް ބުނާގޮތުން، އިޒްރޭލުގެ އިންޒާރާއެކު 200،000 އެއްހާ މީހުން ގެދޮރު ދޫކޮށް ވަނީ ފައިބާފައެވެ.
ފާއިތުވި 20 އަހަރުގެ ތެރޭގައިވެސް އިޒްރޭލުން ނުދޭ ވަރުގެ ވަރުގަދަ ހަމަލާތަކެއް ލުބުނާނަށް ދީފައި ވާއިރު، އެ ހަމަލާތައް އަމާޒު ކޮށްފައި ވަނީ ހަމައެކަނި ހިޒްބުއްލޯގެ މަގާމުތަކަކަށް ނޫނެވެ. ނަމަވެސް ހިޒްބުއްލޯގެ ހަތިޔާރު ގުދަންތައް ކަމަށް ބުނެ އާންމުން އުޅޭ ތަންތަނަށް ވެސް ހަމަލާތައް ވަނީ އަމާޒު ކޮށްފައެވެ. މިފަދަ އެއް ހަމަލާއެއްގައި ހިޒްބުއްލޯގެ ދެވަނައަށް އެންމެ އިސް ކޮމާންޑަރުވެސް އިޒްރޭލުން ޝަހީދު ކޮށްލާފައި ވެއެވެ.
އިޒްރޭލުން ބުނީ ހިޒްބުއްލޯގެ މަގާމުތަކުގެ ގޮތުގައި ފާހަގަ ކުރެވޭ 1300 ތަނަކަށް ހަމަލާދީފައި ވާ ކަމަށެވެ. މި ހަމަލާތަކުގައި ލިބުނު ގެއްލުމުގެ މިންވަރު އަދި އަންދާޒާ ނުކުރެވޭއިރު، ހަބަރުތަކުން ބުނާ ގޮތުން ހިޒްބުއްލޯ އިން ވަނީ އިޒްރޭލުގެ އުތުރު ބިތަށް އަމާޒުކޮށް އިއްޔެވެސް 200 ރޮކެޓް ހަމަލާ ފޮނުވާލާފައެވެ. މީގެ ތެރެއިން ގިނަ އެއްޗެހި ވައިގެތެރޭގައި އިޒްރޭލުން ގޮއްވާލާފައި ވީ ނަމަވެސް މަދު ދެތިން އެއްޗެއް އިޒްރޭލުގެ ތެރެއަށް އަމާޒު ވެ ބައެއް މުދަލާއި ތަކެއްޗަށް ގެއްލުން ވެފައި ވެއެވެ. އަދި އިޒްރޭލުން ބޭނުން ކުރާ ބަނދަރުމަތީ ރަށެއް ކަމަށް ވާ ހައިފާ އަށް ވެސް ހަމަލާ އަމާޒުވެ ގެއްލުންތަކެއް ދެވުނު ކަމަށް އެ ޖަމާއަތުން ބުނެފައި ވެއެވެ.