އިޒްރޭލުން ހިޒްބުއްލޯ ބަލިކުރުމުގެ ނަމުގައި ލުބުނާނުގެ ދެކުނަށް އަރާ އަވަށްތަކުން މީހުން ނެރެލައި ހިންގި ޖަރީމާއަށް ފަހު ސުލްހަ ގާއިމު ކުރި ނަމަވެސް ލުބުނާނުގެ ރައްޔިތުންނަށް އެސަރަހައްދުގެ 62 ވިލެޖަކަށް ނުވަދެވޭނެ ކަމަށް އަންގައިފިއެވެ.

އިޒްރޭލުން ލުބުނާނަށް އެރުމަށް ހިންގި އުދުވާނުގެ ފިޔަވަހި 1 އަދި 2 ގައި އިޒްރޭލު ސިފައިން އަރާފައި ވެސް ނުވާ ސަރަހައްދުތަކެއް ހިމެނޭހެން ލުބުނާނުގެ ރައްޔިތުން ވަނުން މަނާ ކުރުމުން ލުބުނާނުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އަދި ދެފަރާޓުން ސުލްހަވުމަށް އެކުލަވާލި ގަރާރާ އިޒްރޭލުން ހިލާފުވަމުން ދާކަމަށް ވަނީ ބުނެފައެވެ.

ލުބުނާނުގެ ދެކުނަށް އިޒްރޭލު ސިފައިން އެރި އިރު ހަރަކާތްތެރިވެފައި ވަނީ ޖުމްލަ 42 ވިލެޖެއް ނުވަތަ އަވަށެއްގައެވެ. އެއީ އިޒްރޭލާ އިންވެގެން އޮންނަ ސަރަހައްދުތަކެވެ.

އިޒްރޭލުގެ މި އިންޒާރާ ގުޅިގެން ލުބުނާނުން ބުނެފައިވަނީ, ގެދޮރު ދޫކޮށް ނިކުންނަން ޖެހުނު އެންމެން އަނބުރާ ގެދޮރަށް ދާކަން ޔަގީން ކުރާނެ ކަމަށާއި އަދި މަގުތައް ސާފުކޮށް އެމީހުން ގެދޮރަށޤ ގެންދިޔުމުގެ މަސައްކަތްވެސް ކުރާނެ ކަމަށެވެ.

މިއާއެކު އިޒްރޭލުގެ އަސްކަރިއްޔާއިން ވަނީ ލުބުނާނަށް އިންޒާރު ދީ, ވަނުން މަނާ ސަރަހައްދުތަކަށާއި އަދި ދެފަރާތުގެ އިން ގުޅޭ ސަރަހައްދުތަކަށް ނުވަނުމަށް އަންގާފައެވެ. އިޒްރޭލު އާމީންގެ އުތުރު ކޮމާންޑް, މޭޖާ ޖެނެރަލް ޔޫރީ ގޯޑިން ބުނީ, ބޯޑަރު ސަރަހައްދަށް ހިޒްބުއްލޯގެ ސިފައިން ވަންނަން މަސައްކަތް ކުރާނަމަ އެއީ ހެދޭނެ ވަރަށް ބޮޑު ގޯހެއް ކަމަށާއި އެފަދަ ކަމެއް ކޮށްފި ނަމަ ފުރިހަމަ ބާރާއެކު އިޒްރޭލުން މައިދާނަށް ނުކުންނާނެ ކަމަށެވެ.

ލުބުނާނު ހަނގުރާމަ ހުއްޓާލުމަށް އެމެރިކާ އާއި ފްރާންސް ގުޅިގެން ގާއިމު ކުރި ސުލްހައިގެ މުއާހަދާ ދެމެހެއްޓުމަށް ލުބުނާނުގެ ވެރިކަން ކުރާ ފަރާތްތަކުން ވެސް ދަނީ މަސައްކަތް ކުރަމުންނެވެ. ހިޒްބުއްލޯ އަކީ ލުބުނާނުގެ ސަރުކާރުގެ ސިޔާސަތުތަކަށް ތާއީދު ކުރާ ބައެއް ނޫނެވެ. ނަމަވެސް އެ ޖަމާއަތަށް ނިސްބަތްވާ ބައެއް މީހުން ލުބުނާނުގެ ގާނޫނު ހަދާ މަޖިލީހުގެ މެންބަރުންގެ ގޮތުގައި ހިމެނެއެވެ. ހަތިޔާރުއެޅި ހިޒްބުއްލޯ އަކީ, ސަހުޔޫނީން ނުވަތަ އިޒްރޭލާ ދެކޮޅަށް ފާޅުގައި ހަނގުރާމަ ކުރާ ޖަމާއަތެކެވެ.

އިޒްރޭލުން ގާޒާއަށް ހަމަލާދޭން ފެށީއްސުރެ ކޮންމެ ދުވަހަކުވެސް ހިޒްބުއްލޯ އިން ގެންދިޔައީ އިޒްރޭލުގެ ސަރަހައްދުތަކަށް ހަމަލާ ދެމުންނެވެ. އެއާއެކު އިޒްރޭލާއި ހިޒްބުއްލޯ އާ ދެމެދު ފެށުނު ހަމަލާތައް ވަރުގަދަ އިޒްރޭލުން އަޅަމުން ދިޔަ ބޮންތަކާއި ރޮކެޓް ހަމަލާތަކުގައި ލުބުނާނުން 3700 އެއްހާ މީހުން ވަނީ މަރުވެފައެވެ.