ލުބުނާނުގެ ހިޒްބުއްލޯ އިން އިޒްރޭލުގެ ހައިފާއާއި އިޒްރޭލުގެ އުތުރުގެ ސަރަހައްދުތަކަށް އަމާޒުކޮށް ދިން ވަރުގަދަ ހަމަލާއެއް ދީފިއެވެ.

ޖުމްލަ 55 ރޮކެޓް ފޮނުވާލައި ޔަހޫދީ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ދިރިއުޅޭ ގެއަށް ވަނީ ޑްރޯން ހަމަލާއެއް ދީފައެވެ.

3 ލޭޔަރަށް ބޯތަށި ބައްޓަމަށް އަޔަން ޑޯމް ހަދައިގެން އިޒްރޭލުން ތިއްބާ ހިޒްބުއްލޯ އިން ދިން މިހަމަލާގައި ނަތަންޔާހޫ ކުޑަކޮށް ޒަހަމްވި ކަމަށް ނުރަސްމީ ބައެއް ރިޕޯޓްތައް ބުނި ނަމަވެސް އިޒްރޭލުގެ ނުފޫޒާހުރެ ގިނަ މީޑިއާތަކުން އެ ހަބަރުގެ ތަފްސީލުތަކެއް ހާމައެއް ނުކުރެއެވެ. އަދި އިޒްރޭލުގެ އެތެރޭގެ ނޫސްތަކުގައި ވެސް އެ ހަބަރުގެ ތަފްސީލުތައް ގެނެސްދިނުން ޔަހޫދީ އަސްކަރިއްޔާއިން ވަނީ މަނާކޮށްފައެވެ.

މެދުއިރުމަތީގެ ހަބަރުތައް އެންމެ ތާޒާކަމާއެކު ގެނެސްދޭ އަލްޖަޒީރާއިން ބުނެފައި ވަނީ، ހިޒްބުއްލޯގެ ޑްރޯން ހަމަލާ، ނަތަންޔާހޫ ހޮލިޑޭ ހަދާ ގެއަށް އަމާޒުވި ކަމަށާއި އެއާއެކު ވެރިކަން ކުރާ ތެލް އަވީވް ހިމެނޭހެން މުޅި އިޒްރޭލުގައި ވަނީ ވައިގެ ހަމަލާ އަންނަ ކަމުގެ އިންޒާރުގެ ރަނގަބީލު އަޅާފައި ކަމަށެވެ.

ނަތަންޔާހޫގެ ތަރުޖަމާނަކާ ހަވާލާދީ އެ ނޫހުން ބުނީ، ހިޒްބުއްލޯ އިން 3 ޑްރޯނެއް ފޮނުވާލި ކަމަށާއި އެތަނުން އެކަތި، ކައެސަރީގައި ހުންނަ ނަތަންޔާހޫގެ ގެއަށް އަމާޒުވި ކަމަށެވެ. ނަމަވެސް އެ ހަމަލާ އަމާޒު ވި އިރު ނަތަންޔާހޫ ނެތް ކަަމަށާއި ހަމަލާގައި އެއްވެސް މީހަކަށް އަނިޔާއެއް ވެފައި ނުވާ ކަމަށެވެ.

އަނެއް ދެ ޑްރޯން ވައިގެތެރޭގައި ނައްތާލި ކަމަށް އިޒްރޭލުގެ އަސްކަރިއްޔާއާ ހަވާލާދީ އެ ނޫހުން ބުނެއެވެ.

ހިޒްބުއްލޯ އިން ދިން މި ވަރުގަދަ ހަމަލާގައި ހައިފާއަށް ބައެއް ރޮކެޓްގެ ބައިތައް ވެއްޓިފައިވާ އިރު އެކިއެކި އަސަރުތައް ކުރުމުގެ ސަބަބުން 13 މީހަކު ޒަހަމްވެފައި ވެއެވެ.

ހައިފާ އަކީ އިޒްރޭލުގެ އުތުރު ސަރަހައްދުގައި އޮންނަ ބަނދަރުމަތީ ސިޓީއެވެ. އެތާނގައި 300،000 އެއްހާ މީހުން ދިއިއުޅޭ އިރު އެއީ އަސްކަރީ މަރުކަޒުތަކެއް ވެސް ހުންނަ ސިޓީއެކެވެ.