ލުބުނާނުގައި އޮންނަ ހިޒްބުއްލޯ ޖަމާއަތުގެ މީހުން މުއާމަލާތު ކުރުމަށް ގެންގުޅޭ ޕޭޖަރުތަކެއް ކުއްލި ގޮތަކަށް ގޮވައި ޒަހަމްވި މީހުންގެ އަދަދު 2750 އަށް އަރއިފިއެވެ.
މުޅި ލުބުނާނުގައި ކުއްލި ހާލަތެއް ކުރިމަތިވެފައި ވާ އިރު ހިޒްބުއްލޯ އިން ބުނީ ޒަހަމްވި މީހުންގެ ތެރެއިން 8 މީހަކު މިހާތަނަށް މަރުވެފައި ވާ ކަމަށެވެ.
މި ޕޭޖަރުތަކަކީ, މޮބައިލް ފޯން ނުގެންގުޅުމަށްޓަކައި ހިޒްބުއްލޯގެ މެންބަރުން ބޭނުން ކުރަމުން ދާ ޕެޖަރުތަކެކެވެ. މީގެ ޕޭޖަރެއް ލުބުނާނުގައި ހުންނަވާ އީރާނުގެ ސަފީރު މޮޖްތަބާ އަމާނީވެސް ގެންގުޅުއްވާ އިރު ޕޭޖަރު ގޮވުމުގެ މިހާދިސާގައި އޭނާވެސް ޒަހަމްވި ކަމަށް ހަބަރުތައް ބުނެއެވެ.
ހިޒްބުއްލޯގެ މެންބަރުން ދިރިއުޅޭ އެކިއެކި ސަރަހައްދުތަކާއި ގޭގެ އާއި އޮފީސްތަކާއި އެނޫންވެސް ތަންތާނގައި އެ ޖަމާއަތުގެ މެންބަރުން ޕޭޖަރު ހިފައިގެން އުޅެނިކޮށް ހުރިހާ އެއްޗެއް ކުއްލި ގޮތަކަށް ގޮވުމަކީ ސީދާ އިޒްރޭލުން ކުރި ކަމެއް ކަމަށް ވެސް މިހާރު ބައެއް ފަރާތްތަކުން އެބަ ބުނެއެވެ.
މީގެ 30 އަހަރު ކުރިން ގާޒާގައި މުސްލިމް ލީޑަރަކު ގެންގުޅުއްވި މޮބައިލް ފޯނެއް ހެކްކޮށް އިޒްރޭލުން ގޮއްވާލާފައި ވުމުން ލުބުނާނުގައި ޕޭޖަރުތައް ގޮވި މިހާދިސާ އަކީ ސީދާ އިޒްރޭލުން އެތަކެތި ހެކްކޮށްގެން ގޮއްވާލުން ކަމަށް ތުހުމަތު ކުރެއެވެ.
މި މައްސަލައިގައި ހިޒްބުއްލޯ އިން އަދި ސީދާ ވަކިއެއްޗެއް ބުނެފައި ނުވާ އިރު, މި ކަމަކާ ކޮމެންޓް ކުރަން އިޒްރޭލުގެ އިދާރާތަކުން ވަނީ ފަސްޖެހިފައި ކަމަށް ހަބަރުތައް ބުނެއެވެ.
މިއީ މުޅި ލުބުނާނާއި މެދުއިރުމައްޗަށް ސިހުން ގެނުވި ހާދިސާއަކަށް ވެފައި ވާ އިރު, މި ހާދިސާގައި ހިޒްބުއްލޯގެ ލީޑަރު ނަސްރުالله އަށް އެއްވެސް އަނިޔާއެއް ލިބުނުކަމެއް ނުވަތަ ނޫންކަމެއް އަދި ސާފެއް ނުވެއެވެ.