ލުބުނާނުގައި ތިބޭ ހަތިޔާރު އެޅި ޖަމާއަތް ކަމަށް ވާ ހިޒްބުއްލޯ އިން މާލީ މުއާމަލާތްތައް ހިންގާ ބޭންކުތަކާއި މާލީ އެކި އިދާރާތަކަށް އިޒްރޭލުން ރޭ ހަމަލާ ދީފިއެވެ.

މި ހަމަލާތަކުގައި ލުބުނާނުގެ ވެރިރަށް ބެއިރޫގެ ހިޒްބުއްލޯ ކޮންޓްރޯލް އޮންނަ 14 ސަރަހައްދެއް ހިމެނޭހެން ދެކުނު ފަޅީގެ ދާހިޔާ އާއި ބެކާ ވެލީގެ ޖުމްލަ 25 ސަރަހައްދަކަށް ހަމަލާ ދީފައި ވެއެވެ.

އިޒްރޭލުން ބުނަނީ މި ހަމަލާތައް އަމާޒު ކުރީ ހިޒްބުއްލޯ އިން ކޮންޓްރޯލް ކުރާ ބޭންކްތަކާއި މާލީ އެކިއެކި މުއާމަލާތްތަކަށް ބޭނުންކުރާ ނިޒާމުތަކަށެވެ. އޭގެ ތެރޭގައި ހިޒްބުއްލޯއަށް އެހީތެރިކަން ދޭ މާލީ އިދާރާތައް ވެސް ހިމެނޭ ކަމަށް ބުނެފައި ވެއެވެ.

މި ހަމަލާތަކާ އެކު އިޒްރޭލުން ވަނީ، ލުބުނާނުގެ ރައްޔިތުންނަށް ވަރުގަދަ އިންޒާރެއް ވެސް ދީފައެވެ. ބުނެފައި ވަނީ، ހިޒްބުއްލޯ އަށް ފަންޑު ކޮށް ނުވަތަ އެހީވާ އެއްވެސް މީހަކު ކުރިން ފާހަގަ ކުރި ސަރަހައްދުތަކުގައި ހުރެގެން ނުވާނެ ކަމަށެވެ.

އިތުރަށް ބުނެފައި ވަނީ، ލުބުނާނުގެ އެންޖީއޯތަކާއި އާންމުން މެދުވެރިކޮށް އީރާނުން ހިޒްބުއްލޯ އަށް ފައިސާގެ އެހީތެރިކަން ފޯރުކޮށްދޭ ގޮތް ކުރިއަށް އޮތް ދެތިން ދުވަހެއްގެ ތެރޭގައި ހާމަ ކުރާނެ ކަމަށެވެ.

އިޒްރޭލުގެ ހަމަލާތަކާ ގުޅިގެން ލުބުނާނު ސަރުކާރުން ހިންގާ ޓީވީ، އެންއެންއޭ އިން ބުނެފައި ވަނީ، އަލް ގާދް އަލް ހަސަން އެސޯސިއޭޝަނުން ހިންގާ ބޭންކުތަކަށް އިޒްރޭލުން ހަމަލާ ދީފައި ވާ ކަމަށެވެ. އަދި ބެއިރޫތުގައި އޮންނަ ރަފީގް ހަރީރީ އެއާޕޯޓުގެ ކައިރީގައި ހުންނަ ބޭންކްގެ ބްރާންޗް ތަކަށް ވެސް ހަމަލާ އަމާޒު ކުރި ކަމަށް ބުނެފައި ވެއެވެ.

އެ ބޭންކަކީ މުޅި ލުބުނާނުގައި 30 އަށް ވުރެ ގިނަ ބްރާންޗް އޮޕަރޭޓް ކުރާ ބޭންކެކެވެ. އޭގެ ތެރެއިން 15 ތަނެއް ހުންނަނީ ބައިބޯ ސަރަހައްދުތަކުގައެވެ.

އިޒްރޭލުން ހިޒްބުއްލޯ އާ ދެކޮޅަށް ވަރުގަދަ އޮޕަރޭޝަނެއް ހިންގަމުން ދާ އިރު ސިޔާސީ ހަމަނުޖެހުމުގައި ލުބުނާނަކީ ވެސް ދެބައިވެފައި އޮންނަ ގައުމެކެވެ. އެގޮތުން އެގައުމުގައި ވެރިކަން ކުރާ ފަރާތަކީ ހިޒްބުއްލޯ އާ ގުޅުން އޮންނަ ބައެއް ނޫނެވެ. ހިޒްބުއްލޯ އަކީ ވަކިވެގަނެގެން ހަތިޔާރު ނަގައިގެން ލުބުނާނުގެ ދެކުނު ފަޅީގެ ކޮންޓްރޯލް އަތުލައިގެން ތިބޭ ޖަމާއަތެވެ. ލުބުނާނުގައި އޮންނަ ސަރުކާރުން ހިޒްބުއްލޯ އާ ތާއީދު ނުކުރާ އިރު އެމީހުންގެ ވިސްނުމަކީ ބޮޑަށް ހުޅަނގާއި އަދި އިޒްރޭލާއެކު ސުލްހަވެ ތިބުމެވެ.

އިޒްރޭލުގެ ހަމަލާތަކުގައި ލުބުނާނުން މިހާތަނަށް 2400 މީހަކު މަރުވެ 8000 އަށް ވުރެ ގިނަ މީހުން ވަނީ ޒަހަމްވެފައެވެ.