ހުޅުމާލޭގައި ގާއިމްކޮށްފައިވާ ރަށު މާރުކޭޓުން ބީލަމުގެ އުސޫލުން ގޮޅި ދޫކުރަން ހައުސިންގް ޑިވަލޮޕްމަންޓް ކޯޕަރޭޝަނުން ހުޅުވާލައިފިއެވެ.
އެ ކޯޕަރޭޝަނުން ނެރުނު އިއުލާނެއްގައި ބުނެފައި ވަނީ ހުޅުމާލޭގައި ގާއިމްކޮށްފައިވާ ރަށު މާރުކޭޓުން ގޮޅި ކުއްޔަށް ހިފުމުގެ ފުރުސަތު އާންމުންނަށް ހުޅުވާލާފައިވާ ކަމަށެވެ.
ގޮޅި ހިންގުމަށް ކުއްޔަށް ހިފާނެ ފަރާތެއް ކަނޑައަޅާނީ ބީލަމުގެ އުސޫލުން، ބީލަން ހުށަހަޅާ ފަރާތްތަކުގެ ތެރެއިން އެންމެ މަތީ އަގު ހުށައަޅާ ފަރާތަކަށް ކަމަށް އެ ކޯޕަރޭޝަނުން ވަނީ ބުނެފައެވެ.
އެޗްޑީސީން ބުނި ގޮތުގައި ބީލަން ފޯމު ބަލައިގަތުން އޮންނާނީ މި މަހުގެ 15 ވަނަ ދުވަހުގެ 09:00 އިން 11:00 އަށް ހުޅުމާލެ، ރެހެންދި ސްކޫލްގައި ކަމަށެވެ. އަދި ބީލަން ހުޅުވާލާނީ ހަމަ އެދުވަހުގެ 11:30 އިން ފެށިގެން އެދުވަހުގެ 11:00 އާއި ހަމައަށް ދޫކޮށްފައިވާ ޓޯކަން ނަންބަރުތަކަށް ފޯމް ބަލައިގަތުމަށްފަހު ކަމަށް އެ ކޯޕަރޭޝަނުން ވަނީ ބުނެފައެވެ.
އަދި ގޮޅި އިހްތިޔާރު ކުރާނީ ޖުލައި 18ވާ ބުރާސްފަތި ދުވަހުގެ 10:30 ގައި އެގްޒެބިޝަން ސެންޓަރު، އެޗްޑީސީ ބިލްޑިންގައި ކަމަށް އެ ކޯޕަރޭޝަންގެ އިއުލާނުގައި ވެއެވެ. ބީލަމާ ގުޅޭ އިތުރު މައުލޫމާތު ސާފު ކުރަން އެދޭނަމަ އެ ކޯޕަރޭޝަންގެ ވެބްސައިޓް ނޫންނަމަ 1516 އަށް ގުޅުމުން މައުލޫމާތު ސާފު ކުރެވޭނެ ކަމަށް އެ ކޯޕަރޭޝަނުން ބުނެއެވެ.