ކާމިޔާބީއެއް ހޯދުމަށް ވަރަށް ވަރުގަދަ އަޒުމެއް ހުރުން މުހިންމުކަމަށާއި، ކޮންމެ ކަމެއްވެސް ކާމިޔާބުވާނީ އަމިއްލަ ނަފުސަށް އިތުބާރުކުރުމާއެކު ގަދައަޅައި މަސައްކަތް ކުރުމުންކަމުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިފަދައިން ވިދާޅުވީ މިއަދު ހެނދުނު ސެންޓާ ފޯ ހަޔާ ސެކަންޑަރީ އެޑިޔުކޭޝަން (ސީއެޗްއެސްއީ) އަށް 45 އަހަރު ފުރުން ފާހަގަކުރުމަށް ހުޅުމާލޭގައި ހުންނަ ސީއެޗްއެސްއީގެ އިމާރާތުގައި ކުރިއަށް ގެންދިޔަ ހާއްސަ އެސެމްބްލީގައި ބައިވެރިވެވަޑައިގެން ވާހަކަފުޅު ދައްކަވަމުންނެވެ.
މަތީ ސާނަވީ މަރްހަލާގެ ކިޔެވުމަކީ އުމުރުގައި 2 ވަނަ ފުރުސަތެއް ލިބޭ ކަމެއް ނޫންކަން ފާހަގަކުރައްވާ ރައީސް ވަނީ މި ވަގުތާއި ފުރުސަތުގެ ބޭނުން ހެޔޮ ގޮތުގައި ހިފުމަށް ނަސޭހަތްތެރިވެވަޑައިގެންފައެވެ. އަދި މަތީ ސާނަވީ ތައުލީމަކީ މުސްތަގްބަލު ބައްޓަންކުރުމަށާއި، ދާން ބޭނުންވާ މަންޒިލަށް ދިއުމަށް ވަރަށް މުހިންމު ދައުރެއް އަދާކުރާ ކަމެއްކަމުގައި ރައީސް ވިދާޅުވިއެވެ.
ގިނަ ކުދިން މަތީ ތައުލީމު ހާސިލްކުރުމަށް ވަރަށް ބުރަ މަސައްކަތްކޮށް، ވަރަށް ބޮޑެތި ގޮންޖެހުންތަކާއި ކުރިމަތިލާން ޖެހޭކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ މި ސަރުކާރުން އެކަންކަމަށް ހައްލު ހޯދައިދިނުމަށް މަސައްކަތް ކުރާނެ ކަމުގެ ޔަގީންކަން ދެއްވާފައެވެ. އަދި ކިޔަވައިގެން ނުކުންނަ ކުދީންނަށް ހާއްސަކޮށް ގެދޮރުވެރިކަމާއި، އާމްދަނީ ހޯދޭނެ ފުރުސަތުތައް ފަހިކޮށްދެއްވުމަށް މަސައްކަތްޕުޅު ކުރައްވާނެކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ، ގައުމީ ލޯބި ކޮންމެ ކުއްޖެއްގެ ކިބައިގާވެސް ހުންނަން ވާނެކަމަށެވެ. އަދި ކޮންމެ ކުއްޖަކަށްވެސް ގައުމަށް ކޮށްދެވޭނީ ކޮންކަމެއްތޯ ވިސްނައި، ގައުމީ ހިދުމަތަށް އިސްކަންދިނުމަށް އެމަނިކުފާނުގެ ވާހަކަފުޅުގައި ބާރުއެޅުއްވިއެވެ.
އުމުރުގެ ކޮންމެ ހިސާބެއްގައި ވެސް ކާމިޔާބު ހާސިލުކުރުމަށް، އަމިއްލަ ނަފުސަށް އިތުބާރުކޮށް، އުންމީދު ކަނޑާނުލައި، ކެތްތެރިކަމާއެކު، ނުގުޑާފަދަ އަޒުމެއްގައި، ދާންބޭނުންވާ މަންޒިލަށް ދެވެންދެން ގަދައަޅައި މަސައްކަތްކުރުމަށް ބާރުއަޅުއްވައި ދަރިވަރުންނަށް ދެއްވި ނަސޭހަތް ރައީސް ވަނީ ތަކުރާރުކުރައްވާފައެވެ.
މި އެސެމްބްލީގައި ރައީސް ވަނީ މީގެ ތިރީހަކަށް އަހަރުކުރިން، 2015 ވަނަ އަހަރުން 2017 ވަނަ އަހަރަށް ސީއެޗްއެސްސީގައި (އޭރުގެ އެސްއީސީ ގައި) މަތީ ސާނަވީއަށް ކިޔަވާ ވިދާޅުވުމަށް އެމަނިކުފާނު ހޭދަކުރެއްވި ދުވަސްތަކުގެ ހަނދާންތައް އާ ކުރައްވާފައެވެ.