ދިވެހިރާއްޖޭގައި ތައްޔާރުކުރެވިފައިވާ ފުރަތަމަ އެންޑްލެސް ރަނާ ގޭމް ކަމުގައިވާ "އަތޮޅު ދުވުން" ގޭމުން ވަނަތަކަށް ދާ ފަރާތްތަކަށް މި ޖުލައި މަހުވެސް އަގުހުރި އިނާމުތަކެއް އުރީދޫ މޯލްޑިވްސް އިން ކަނޑައަޅައިފިއެވެ.

އެގޮތުން އުރީދޫއިން ބުނީ ސަބްސްކްރިޕްޝަން އެމްވީގެ ފަރާތުން ސަބްސްކްރިޕްޝަން ބަންޑްލް އެއް ދިނުމަށް ހަމަޖެހިފައިވާ ކަމަށާއި، މި ބަންޑްލްގައި ޕްރައިމް ވީޑިއޯ، ކްރަންޗީރޯލް، ޖިއޯސިނަމާ، އަދި ސާފް ޝާކް ހިމެނޭ ކަމަށެވެ.

އުރީދޫ އަތޮޅު ދުވުން މި ޖުލައި މަހު ބޭއްވުމަށް ހަމަޖެހިފައިވަނީ ތ. ވޭމަންޑޫގައެވެ.

އެޕަލް އެޕްސްޓޯ އަދި ގޫގަލް ޕްލޭ ސްޓޯ އިން ވެސް "އަތޮޅު ދުވުން" ޑައުންލޯޑު ކުރެވޭނެއެވެ. މި ގޭމުގައި 12 ލެވެލް ހިމެނޭއިރު، ކޮންމެ ލެވެލް އަކު އާ ރަށަކަށް ދަތުރު ކުރެވޭނެ ކަމަށާއި، އަންލޮކް ވެގެން ދާ ލެވެލް ކުޅެވޭނީ ހަމައެކަނި އެ މަހަކު ކަމަށްވެސް އުރީދޫ އިން ވަނީ ބުނެފައެވެ.

ކަރަންޓުގައި ހިމެނޭ މަންޒަރުގައި ސިއްރު އާޓްވޯކެއް ހިމެނިފައިވާނެކަމަށާއި، މި އާޓްވޯކް ގޭމްގެ ތެރެއިން ހޯދައިގެން ބޯނަސް ލެވެލް އެއް ކުޅުމުގެ ފުރުސަތު ލިބިގެން ދާނެ ކަމަށްވެސް އުރީދޫ އިން ވަނީ ބުނެފައެވެ.

އަތޮޅު ދުވުން ގޭމަކީ ރާއްޖޭގައި އުފައްދާފައިވާ ފުރަތަމަ "ކެޝުއަލް ރަނާ" ގޭމެވެ. މި ގޭމު ތައްޔާރުކުރީ ލޫފްކްރާފްޓް ޓީމުންނެވެ.