ފޮރިން މިނިސްޓްރީގެ ދަށުން ހިންގާ ބައެއް އިދާރާތަކުގެ ނަންތައް ބަދަލުކޮށްފިއެވެ.

މިކަން އިއުލާނުކޮށް ސަރުކާރުން ބުނީ މިއީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީގެ 116 ވަނަ މާއްދާއިން ރައީސަށް ލިބިވަޑައިގަންނަވާ އިހުތިޔާރުގެ ދަށުން ޖޫން 25 ވަނަ ދުވަހު ރައީސް ޑރ. މުހައްމަދު މުއިއްޒު ގެންނެވި ބަދަލެއް ކަމަށެވެ.

ނަމަށް ބަދަލު ގެނައި އިދާރާތައް:

  • އދ ގައި ހުންނަ ދިވެހިރާއްޖޭގެ ޕާމަނަންޓް މިޝަންގެ ނަން - ދިވެހިރާއްޖެއިން އދ އަށް ކަނޑައަޅައިފައި ހުންނަ ދާއިމީ މިޝަންގެ ނަމަށް
  • ދިވެހިރާއްޖެއިން އދ އަށް ކަނޑައަޅައިފައިވާ ދާއިމީ މިޝަންގެ ޖެނީވާ އޮފީސްގެ ނަން ޖެނީވާގައި ހުންނަ އދ ގެ އޮފީހަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަ ދާއިމީ މިޝަންގެ ނަމަށް
  • ދިވެހިރާއްޖެއިން ޔޫރަޕިއަން ޔޫނިއަންއަށް ކަނޑައަޅައިފައިވާ ދާއިމީ މިޝަންގެ ނަން ބެލްޖިއަމްގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީ އަދި ދިވެހިރާއްޖެއިން ޔޫރަޕިއަން ޔޫނިއަންއަށް ކަނޑައަޅައިފައި ހުންނަ މިޝަންގެ ނަމަށް

މީގެއިތުރުން ރައީސް ވަނީ ފޮރިން މިނިސްޓްރީގެ ދަށުން ހިނގަމުންދާ އިދާރާތަކަށް އިނގިރޭސިބަހުން ބޭނުންކުރާނެ ރަސްމީ ނަންތައްވެސް ހަމަޖައްސަވާފައެވެ.

ރައީސް ޑރ. މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތުމަށްފަހު ވަނީ ސަރުކާރުގައި އެކުލެވިގެންވާ 22 ވުޒާރާއަށް ކިޔާނެ ދިވެހި ނަން ހަމަޖައްސަވާފައެވެ. މިއީ ސަރުކާރުގެ ވުޒާރާތަކަށް މިގޮތަށް ނަންތަކެއް ހަމަޖެއްސެވި ފުރަތަމަ ފަހަރު ކަމަށްވާއިރު ރައީސް ވަނީ ދިވެހި ބަހާއި އިސްލާމް މާއްދާއަށް އިސްކަން ދިނުމުގެ ގޮތުން ދިވެހި ގައުމިއްޔަތު ދިރުވާ އާލާކުރުމަށް ހާއްސަ އިސްކަމެއް ދޭންޖެހޭ ކަމަށް ތަކުރާރުކޮށް ވިދާޅުވެފައެވެ.