ފުލުހުން ހިންގި އޮޕަރޭޝަނެއްގައި އަތުލައިގެން 119 ކިލޯގެ މަސްތުވާތަކެތީގެ މައްސަލައިގައި ކުށް ސާބިތުނުވެ ސަލާމަތްވި ދެ މީހުންގެ ތެރެއިން އެކަކުގެ ބައި އިސްތިއުނާފް ކުރަން ދައުލަތުން ނިންމައިފި އެވެ.

ޑިސެމްބަރު 2021 ގައި ފުލުހުން ހިންގި އޮޕަރޭޝަނެއްގައި އަތުލައިގަތް 119 ކިލޯގެ މައްސަލައިގައި ދައުލަތުން ދައުވާ އުފުލާފައިވަނީ ގދ. ހޯޑެއްދޫ/އަލޯރާ، އަހުމަދު މުޖާހިދާ ގދ. ހޯޑެއްދޫ/ގުލޭނޫރަންމާގެ، އަލީ ޒުބައިރު އަދި ގދ. ހޯޑެއްދޫ/އިރުމަތީގެ، އަހްމަދު ސުނައިނު އަށެވެ.

ނަމަވެސް މިދިޔަ މާޗް މަހު ކްރިމިނަލް ކޯޓުން ނިންމީ ކުށް ސާބިތުވެފައި ވަނީ ޒުބައިރުގެ މައްޗަށް އެކަނި ކަމަށެވެ. އަދި ދެން މައްސަލައިގައި ދައުވާ ކުރާ ދެމީހުންގެ މައްޗަށް ކުށް ސާބިތު ނުވާ ކަމަށް ވަނީ ހުކުމް ކޮށްފައެވެ.

އެ މައްސަލައާއި ގުޅިގެން ޕީޖީ އޮފީހުން ބުނީ, ސުނައިނުގެ ބައިގައި ހުކުމަށް ވާސިލުވި ސަބަބުތަކާއި، މައްސަލައިގައި ލިބިފައިވާ ހެކި ގަރީނާއަށް ރިއާޔަތްކޮށް، ސުނައިނުގެ ބައިގައި ކްރިމިނަލް ކޯޓުން ނިންމަވާފައިވާ ނިންމުން، ހައި ކޯޓުގައި އިސްތިއުނާފު ކުރުމަށް ނިންމާފައިވާ ކަމަށެވެ. އަދި މިފަދައިން ނިންމީ މުޖާހިދުގެ ބައި އިސްތިއުނާފުކޮށްގެން، ކުށް ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން ނިންމަވާފައިވާ ނިންމުމަށް ބަދަލުގެނެވިދާނެ ކަމަށް ނުފެންނާތީ ކަމަށް ވެސް ޕީޖީ އޮފީހުން ބުނެ އެވެ.

މި މައްސަލައިގެ އިސްތިއުނާފު މުއްދަތު ހަމަވަނީ މިމަހު 8 އަށް ވާތީ, އެ ތާރީހުގެ ކުރިން އިސްތިއުނާފު ހުށަހަޅާނެ ކަމަށް ވެސް ޕީޖީ އޮފީހުން ބުނެ އެވެ.

މި މައްސަލައިގެ ތުހުމަތު ކުރެވޭ ފަސް މީހަކު ތިބި ނަމަވެސް، ފުލުހުން ހައްޔަރު ކުރީ ތިން މީހުންނެވެ. މި މައްސަލައިގައި ތުހުމަތު ކުރެވޭ އެންމެ އިސްކޮށް ހަރަކާތްތެރިވި، ގދ. ހޯނޑެއްދޫ، އަލޯރާ، އުމުރުން 26 އަހަރުގެ އަރުޝަދު ހާލިދާއި، ގދ. ހޯޑެއްދޫ، ދޯދި، އުމުރުން 31 އަހަރުގެ މުހައްމަދު އަކްރަމް އަބްދުލްހަންނާން ފުލުހުން ހައްޔަރެއް ނުކުރެއެވެ. އެއަށް ފަހު ދެ ފަހަރެއްގެ މަތިން އަރުޝަދު ހައްޔަރުކުރި ނަމަވެސް ވަނީ ދޫކޮށްލާފައެވެ.

މި މައްސަލައިގައި ހައްޔަރު ކުރި މުޖާހިދަކީ އަރުޝަދުގެ ބޭބެއެވެ. ފުލުހުން ބުނާ ގޮތުގައި މި ޑްރަގަކީ އަރުޝަދު އިސްވެ ހުރެ އޭނާގެ އިރުޝާދުގެ ދަށުން އެތެރެ ކުރި ތަކެއްޗެވެ. އަދި ހައްޔަރު ކުރި ތިން މީހުން ވެސް އަމަލީ ގޮތުން އެކަމުގައި ބައިވެރިވެފައިވާ ކަމަށް ބުނެއެވެ.

މައްސަލައިގެ ހުކުމް އިއްވަމުން މައްސަލަ ބެއްލެވި ގާޒީ އިބްރާހިމް އިހްސާން ވަނީ ޒުބައިރުގެ މައްޗަށް ކުށް ސާބިތުވާކަމަށް ކަނޑައަޅާ، 25 އަހަރަށް ޖަލަށް ލުމާއެކު 1 ލައްކަ ރުފިޔާއިން ޖޫރިމަނާކޮށްފައެވެ. ނަމަވެސް ބަންދުގައި ޖަލުގައި ހޭދަކުރި މުއްދަތު އުނިކުރުމަށްފަހު ޒުބައިރު ޖަލުގައި ހޭދަކުރަން ޖެހެނީ 22 އަހަރާއި 8 މަސްދުވަހެވެ.