ސްޓެލްކޯގެ ޓްރާންސްފޯމަރެއްގެ ކޭބަލެއް ބުރިކޮށް ވަގަށް ގެންދިއުމާއި ގުޅިގެން ބައެއް ސަރަހައްދުތަކުން ކަރަންޓް ކެނޑިިއްޖެއެވެ.

ސްޓެލްކޯ އިން ބުނީ އެ ކުންފުނީގެ ޓްރާންސްފޯމަރެއްގެ ކޭބަލެއް ބުރިކޮށް ވަގަށް ގެންދިއުމާ ގުޅިގެން މަޖީދިއްޔާ ސްކޫލު ހިމެނޭހެން، ހެންވޭރުގެ އަބަދަށް ފެހި މަގާ، މެދު ޒިޔާރަތް މަގާ، ކަޅު ހުރާ މަގާ އަދި ކަރަންކާމަގުގެ ބައެއް ގެތަކުން ކަރަންޓް ކެނޑިފައިވާ ކަމަށެވެ. އަދި އައު ކޭބަލެއް އަޅައި ކަރަންޓު ހިދުމަތް މެދުކެނޑިފައިވާ ތަންތަނަށް ކަރަންޓް ދިނުމުގެ މަސައްކަތްކުރަމުން އަންނަކަމަށް ސްޓެލްކޯ އިން ވަނީ ބުނެފައެވެ.

ސްޓެލްކޯގެ އެމްޑީ ހުސެއިން ފަހުމީ 'އެކްސް' ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ސްޓެލްކޯގެ ސަބްސްޓޭޝަނެއްގެ ޓްރާންސްފޯމަރަށް ގުޅާފައިވާ ކޭބަލްތަކުގެ ތެރެއިން އެއް ކޭބަލް ބުރިކޮށް ވަގަށް ނަގާފައިވާއިރު އިތުރު ކޭބަލެއްވެސް ބުރިކުރުމަށް މަސައްކަތްކޮށްފައިވާ ކަމަށެވެ. މި މައްސަލަ މިހާރު ފުލުހަށް ރިޕޯޓްކޮށްފައިވާއިރު ފުލުހުން އަންނަނީ މި މައްސަލަ ތަހުގީގުކުރަމުންނެވެ.

ފަހަކަށް އައިސް މާލެ ސަރަހައްދުގައި ކަރަންޓް ކޭބަލްތައް ވަގަށް ނަގާ މައްސަލަ އިތުރުވަމުން އަންނައިރު، އަޟްހާ އީދާއި ގުޅިގެން މާލެ ޖުމްހުރީ މައިދާނުގައި ދިއްލާފައި ހުރި ބައެއް އީދު ލައިޓުތަކުގެ ކޭބަލްތައްވެސް ވަނީ ވަގަށް ނަގާފައެވެ. ހުޅުމާލޭގެ ބައެއް މަގުތަކުގެ ކަރަންޓް ކޭބަލް ބުރިކޮށް, ވަގަށް ނަގާފައިވާ މައްސަލަވެސް ފެންމަތިވެފައިވާއިރު، އެޗްޑީސީ އިން ބުނީ މިތަކެތި ވަގަށް ނަގަނީ 'ބްލެކް މާކެޓް' ގައި ވިއްކުމަށް ކަމަށެވެ.