ހުޅުމާލެ ޕްރިޒަންގައި މަސައްކަތްކުރާ އޮފިސަރަކަށް މަރުތޭލަކުން ހަމަލާދޭން އުޅުނު ދެ މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ މި ޕްރިޒަން އޮފިސަރު ސައިކަލުގައި ދުއްވާފައިދަނިކޮށް، އޭނާގެ ފަހަތުން އައި ސައިކަލެއްގައި ތިބި ދެމީހުންގެ ތެރެއިން ސައިކަލު ފަހަތުގައި އިން މީހާގެ އަތުގައި އޮތް މަރުތޭލަކުން ޕްރިޒަން އޮފިސަރުގެ ބޮލުގައި ޖަހައި މާރާމާރީ ހިންގަން އުޅުނު މައްސަލަ ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ.

ފުލުހުން މި މައްސަލައިގައި ދެ މީހަކު ހައްޔަރުކޮށްފައިވާއިރު އެއީ އަހުމަދު އިޔާޒް، ރ. އިނގުރައިދޫ، މިރިހިމާގެ (24އ) އަދި އަހުމަދު ރަބީއު، ގއ. މާމެންދޫ، ގްލޭނޫރަންމާގެ (26އ) އެވެ.

ފުލުހުން ބުނީ މި މައްސަލަ ފުލުހުންނަށް ހުށަހަޅާފައިވަނީ ޖޫން 11 ވަނަ ދުވަހުކަމަށާއި މި ހާދިސާ ހިނގި ސަރަހައްދުގައި ހުރި ޕޮލިސް ކެމެރާ ފުޓޭޖްތަކާއި އިތުރު ކެމެރާ ފުޓޭޖްތައް ނަގައި ބެލިއިރު ހުޅުމާލެ ޕްރިޒަން ސަރަހައްދުގައި ސައިކަލެއްގައި ހެލްމެޓް އަޅައިގެން ތިބި ދެ މީހަކު ހުޅުމާލެ ޕްރިޒަންއިން ނުކުންނަ މުވައްޒަފުންނަށް ފާރަލަމުން ދިޔަކަން ފާހަގަކުރެވިފައިވާ ކަމަށެވެ. އަދި ޕްރިޒަން އޮފިސަރަށް ހަމަލާ ދޭން މަސައްކަތްކޮށްފައިވަނީ ވީޑިއޯ ފުޓޭޖްތަކުން ފެންނަ ދެ މީހުން ކަން ކަށަވަރުކުރެވިފައިވާ ކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ.

މި މައްސަލައިގައި ހައްޔަރުކޮށްފައިވާ އަހުމަދު އިޔާޒު ހައްޔަރުކޮށްފައިވަނީ ފިލައިގެން ގޮސް ހއ. ބާރަށުގައި ހުއްޓާ ޖޫން 14 ވަނަ ދުވަހު ކޯޓު އަމުރެއްގެ ދަށުންނެވެ. އަދި އަހުމަދު ރަބީއު ހައްޔަރުކޮށްފައިވަނީ މާލޭގެ ގެސްޓް ހައުސްއެއްގައި ފިލައިގެން އުޅެނިކޮށް ޖޫން 20 ވަނަ ދުވަހު އެވެ.

ފުލުހުން ބުނީ މިހާދިސާގައި ޕްރިޒަން އޮފިސަރަށް އަނިޔާ ލިބިފައިނުވާ ކަމަށާއި މި މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ތަހުގީގު ކުރަމުން ދާ ކަމަށެވެ.