ކުރިއަށް އޮތް 4 އަހަރަށް އެކުލަވާލާފައިވާ ސްޓްރެޓެޖިކް ޕްލޭންގައި ކަނޑައަޅާފައިވާ ލަނޑުދަނޑިތައް ހާސިލްކޮށް، ފުލުހުންގެ ހިދުމަތުގެ މައްޗަށް ލާޒިމްކުރާ ކަންކަން ކުރުމަަށް ބަދަލުތަކެއް ގެނެސް އެ މުވައްސަސާ ހިންގުމަށް ބޮޑެތި ބަދަލުތަކެއް ގެނެސްފި އެވެ.
އެ މުވައްސަސާ ހިންގުމުގެ އޮނިގަނޑަށް ބަދަލުގެނެސް، 2024 ޖުލައި 1 ވަނަ ދުވަހުން ފެށިގެން އަމަލުކުރަމުންދާނެ ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.
އެގޮތުން މާދަމާއިން ފެށިގެން ފުލުހުންގެ މުވައްސަސާ ހިންގާނީ ތިން އާކޮމާންޑެއް އުފައްދާ މުޅި ޖުމުލަ 17 ކޮމާންޑާއި ޑައިރެކްޓަރޭޓުގެ މައްޗަށެވެ. މުޅިން އަލަށް ގާއިމްކޮށްފައިވާ ކޮމާންޑު ތަކަކީ ގޭންގް ކްރައިމް އެންފޯސްމަންޓް، ޑިޖިޓަލް ޓޭޑާ އެންޑް ޓެކްނޮލޮޖީ އަދި ޑޭޓާ ޑްރައިވަން އަދި ޒަމާނީ މުވައްސާސާއެވެ.
މީގެއިތުރުން ހުޅުމާލޭގައި ކުރެވޭ ޕޮލިސިން އިތުރަށް ހަރުދަނާކޮށް އެތަނާ އެކަށީގެންވާ ޕޮލިސިން ހިދުމަތެއް ދިނުމަށްޓަކައި ހުޅުމާލެ ޕޮލިސްގެ ނަމުގައި ވަކި ޕޮލިސިން ކޮމާންޑެއްވެސް ވަނީ ގާއިމްކޮށްފައެވެ.
އިދާރީ ހިންގުމުގެ އޮނިގަނޑަށް އަންނަ ބަދަލާއެކު ގޭންގް ކުށްތައް މަދުކުރުމަށްޓަކައި އެކަމަށް ހާއްސަ މަސައްކަތްތަކެއް ކުރުމަކީ އެ މުވައްސަސާގެ އެއް މަގުސަދެވެ. އެގޮތުގެ މަތިން ކޮމާންޑް/ ޑައިރެކްޓްރޭޓް އަދި ޑިޕާޓްމަންޓްތަކުގެ ވެރިންނަށް އައްޔަން ކޮށްފައި ވަނީ ތައުލީމާއި ތަމްރީނާ ގުޅޭގޮތުން ކަމަށް ފުލުހުންގެ މުވައްސަސާއިން މައުލޫމާތު ދެއެވެ. މީގެއިތުރުން ފުލުހުންގެ ގަވާނަންސް ނިޒާމް ހަރުދަނާކޮށް ޒަމާނާ އެއްގޮތަށް ބައްޓަންކުރުމަށްޓަކައި ހިދުމަތްތައް ތަރުތީބު ކުރުމަށް ވަނީ ނިންމާފައެވެ.
ކުރިއަށް އޮތް ހަތަރު އަހަރަށް އެކުލަވާލާފައިވާ ފުލުހުންގެ ސްޓްރެޓެޖިކް ޕްލޭންގައި އަވަސް އަދި އިތުބާރު ކުރެވޭ ހިދުމަތުގެ ނިޒާމެއް އެކަށައެޅުމަކީވެސް މުހިންމު ދާއިރާއެއްގެ ގޮތުގައި ހިމަނާފައި ވެއެވެ. އަދި ފުލުހުންގެ މުވައްސަސާ ހަރުދަނާކޮށް އާންމުން އިތުބާރު ހިފޭތަނަކަށް އެ އިދާރާ ހެދުމަކީ މި ސަރުކާރުގެ އެއް އަމާޒު ކަމަށްވާއިރު ކުރިއަށް އޮތް ހަތަރޔ އަހަރު އެކަންކަން ހާސިލް ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަން ވަނީ ރާވާފައެވެ.
އެ މަސައްކަތުގެ ތެރެއިން ޕޮލިސް ބޭސިކް ސްކިލްސް ތަރައްގީކުރުމާއި ލީޑާޝިޕްގެ ހުރިހާ ލެވެލްއަކަށް ބޭނުންވާ މިޑްކެރިއާ ތަމްރީނު ޕްރޮގްރާމްތައް ފެށުމުގެ މަސައްކަތުގެ އިތުރުން ޕޮލިސިން ޕްރޮފެޝަނަލް ފްރޭމްވޯކް ތަންފީޒުކޮށް، މުޅި އޯގަނައިޒޭޝަންގެ ގަވާނަންސް އަދި ޑިސިޝަން މޭކިން ނިޒާމުގައި މި ފްރޭމްވޯކް ބޭނުންކުރުމުގެ މަސައްކަތް ފެށުަމަށް ވަނީ ނިންމާފައެވެ.