ނިމިދިޔަ ސަރުކާރުން ނަގާފައިވާ 64 ބިލިއަންގެ ދަރަނި ހޭދަކުރި ގޮތް ބެލުމަށް ހެންވޭރު އުތުރު ދާއިރާގެ މެންބަރު އަހްމަދު އައިފާން ގޮވާލައްވައިފިއެވެ.
އައިފާން މިފަދައިން ވިދާޅުވެފައި ވަނީ މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ދައުލަތުގެ ދަރަންޏާ ބެހޭ ބިލަށް ވާހަކަ ދައްކަވަމުންނެވެ.
އައިފާން ވިދާޅުވީ ނިމިދިޔަ 5 އަހަރު ދުވަހުގެ ތެރޭގައި މުޅި ގައުމުގެ ތާރީހުގައި ލޯނު ނުނަގާ ވަަރަށް ލޯނު ނަގާ، ގައުމު ދަރުވާލާފައިވާ ކަމަށެވެ. ދައުލަތުގެ ދަރަނި 120 ބިލިއަން އަރާފައި ވާއިރު ނިމިދިޔަ ސަރުކާރުން އެކަނި ވެސް 64 ބިލިއަންގެ ދަރަނި އުފައްދާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
މި ދަރަނިން ކުރީ ކޮން ކަމެއް ކަމާމެދު ވިސްނަން ޖެހޭ ކަމަށާއި މި ފައިސާއަށް ވީ ގޮތް ބަލަންޖެހޭ ކަމަށް އައިފާން ވިދާޅުވިއެވެ. އަދި ގައުމު ދަރުވާލި މީހުންނާމެދު ގާނޫނީ ފިޔަވަޅު އަޅަންޖެހޭ ކަމަށާއި މި ބޭފުޅުންގެ އެކައުންޓް ބެލެންސް ބަލަންޖެހޭ ކަމަށް އައިފާން ވިދާޅުވިއެވެ.
އެގޮތުން މިދިޔަ ސަރުކާރުން ނަގާފައިވާ 64 ބިލިއަންގެ ތެރެއިން މަޖިލިސް މެންބަރުން އަދި އެ މެންބަރުންނާ ގުޅުން އޮންނަ މީހުންގެ އެކައުންޓްތަކަށް ވަދެފައި ހުރި ފައިސާގެ އަދަދު ބަލަންޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ގައުމު މި ހާލަތަށް ވައްޓާލި އިރު މި މީހުންގެ ޒިންމާތައް އަދާނުކޮށް ތިބީ ކީއްވެތޯ ބެލުމަށް މިނިވަން މުއައްސަސާތަކަށް އައިފާން ވަނީ ގޮވާލައްވާފައެވެ.
އައިފާން ވިދާޅުވީ ގައުމު ވެއްޓިފައިވާ ހާލަތަކީ މިއަދު ނުވަތަ އިއްޔެ ދިމާވި ކަމެއް ނޫން ކަމަށެވެ. އަދި މިއީ މިދިޔަ 5 އަހަރު ތެރޭގައި ދައުލަތް ނުހިންގިގެން ނުވަތަ ރަނގަޅަށް މެނޭޖްނުކުރެވިގެން ގައުމު ވެއްޓިގެން އުޅޭ ހާލަތެއް ކަމަށެވެ.
މި ހާލަތުން އަރައިގަތުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ރަނގަޅު ހަރުދަނާ ފިޔަވަޅުތަކެއް އަޅުއްވަމުން ގެންދަވާކަން ފާހަގަ ކުރައްވާ އައިފާން ވިދާޅުވީ މިފަދަ ބިލެއް ފާސްކުރަން ޖެހެނީ ނިމިދިޔަ 5 އަހަރު ފަދަ 5 އަހަރެއް އައިސްދޭނެތީ ކަމަށެވެ. އަދި މިއީ ގައުމު އަނދަވަޅަކަށް ވެއްޓުމުން ސަލާމަތް ކުރުމަށްޓަކައި ކުރަންޖެހޭ ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ.