މާފުށި ޖަލުގައި އިއްޔެ ނިޔާވެފައި އޮއްވާ ފެނުނު މުހައްމަދު ޖަމީލަށް އެއްވެސް ޖިސްމާނީ އަނިޔާއެއް ކޮށްފައި ނުވާ ކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން މިފަދައިން ބުނެފައި ވަނީ ޖަމީލްގެ މަރާ ގުޅިގެން މިއަދު މެންދުރު ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ.
އުމުރުން 45 އަހަރުގެ ޖަމީލް ގޮޅިން ނުނިކުމެ، ހަރަކާތްނުކޮށް ގިނައިރު އޮތްކަން ފާހަގަކުރެވިގެން ސީޕީއާރު ދިނުމުން ވެސް އޭނާގެ ހާލަތަށް އެއްވެސް ބަދަލެއް ނައުމުން މާފުށީ ސިއްހީ މަރުކަޒަށް މެންދުރު 12:13 ހާއިރު ގެންގޮސް ވަނީ ފަރުވާދީފައެވެ. ޖަމީލް ބެއްލެވި ޑޮކްޓަރާ ހަވާލާދީ ކަރެކްޝަނުން ބުނީ، ޖަމީލްގެ ހިތްހުއްޓިފައިވާ ކަމަށާއި، ބައިގަޑިއިރު ފަހުން ނިޔާވެފައިވާ ކަމަށެވެ.
ޖަމީލް ނިޔާވީ ޖަލު އޮފިސަރުން އަނިޔާކޮށްގެން ކަމާއި، ގަސްދުގައި އޭނާ އަށް ފަރުވާނުދީ ބޭއްވީ ކަމަށް ބުނެ ބައެއް ފަރާތްތަކުން ވަނީ މީސްމީޑިއާގައި ކަންބޮޑުވުން ފާޅުކޮށްފައެވެ. އަދި ޖަމީލްގެ މޫނުމަތިން އަނިޔާގެ ނިޝާންތައް ފެންނަ ފޮޓޮއެއް ވެސް މީސްމީޑިއާގައި ވަނީ އާންމުވެފައެވެ.
ނަމަވެސް ފުލުހުން ވަނީ އެކަން ދޮގުކޮށް އެފަދަ އެއްވެސް ކަމެއް ހިނގާފައި ނުވާ ކަމުގެ ޔަގީންކަން އަރުވާފައެވެ. އަދި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފުލުހުން ވަނީ ޖަމީލްގެ އެންމެ ފަހުގެ ހަރަކާތްތައް ނޫސްވެރިންނާ ހިއްސާ ކުރައްވާފައެވެ. އެ ފޫޓޭޖުން ފެންނަ ގޮތުގައި ޖަމީލުގެ އެންމެ ފަހުގެ ހަރަކާތް ފެނިފައި ވަނީ 7:43 ހާއިރެވެ. އަދި އޭގެ ފަހުން އޭނާގެ ހަށިގަނޑުގެ އެއްވެސް ހަރަކާތެއް ނެތުމުން 11:34 ހާއިރު އޮފިސަރުން ވަނީ ގޮޅިއަށް ވަދެފައެވެ.
ޖަމީލު ބަންދުކޮށްފައިވާ ގޮޅީގައި ވެއްޓިފައި އޮތްވާ ފެނިގެން މާފުށީ ހޮސްޕިޓަލަށް ގެންދެވުނުއިރުވެސް އޭނާ ނިޔާވެފައިވާ ކަމަށާއި އެވަގުތުން ފެށިގެން ފުލުހުންގެ ތަހުގީގު ފެށުނު ކަމަށް ޗީފް އިންސްޕެކްޓާ އޮފް ޕޮލިސް ސަމާހު ވިދާޅުވިއެވެ.
އޭނާގެ ހަށިގަނޑު ބަލައި ހޯދުމުން އޭނަގެ އަނގައިންނާއި ނޭފަތުން ފޮނު ޒާތުގެ އެއްޗެއް ނުވަތަ ހޮޑުލެވިފައި ހުރި ޒާތުގެ އެއްޗެސް ފާހަގަކުރެވިފައި ހުރިކަން ފާހަގަ ކުރައްވާ އޭނާ ވިދާޅުވީ ހަށިގަނޑުގައި ހުރި ނިޝާންތަކަކީ 4 ގަޑިއިރު އެފަދަ ގޮތަކަށް އޮތުމުގެ ސަބަބުން ހަށިގަނޑަށް ލިބިފައިވާ އަނިޔާތަކެއް ކަމަށެވެ.
އަދި ހަށިގަނޑުގެ ކުލަ ވެސް ބަދަލުވެފައި ވަނީ އެހާ ގިނައިރު އެގޮތަށް އޮތުމުން ކަމަށް ސަމާހު ވިދާޅުވި އެވެ. އޭގެ އިތުރުން ޖަމީލަށް ކުޑަކަމުދެވިފައި ހުރިކަމަށާއި އޭނާގެ ހަށިގަނޑުންވެސް އަދި ގޮޅިންވެސް އެފަދަ ކަންތައްތައް ފެނިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
ޖަމީލުގެ ހަށިގަނޑު، ހިނަވާގޭގައި ބާއްވާފައި އޮއްވައި އޭނާގެ ގައިގައި ހުރި ނިޝާންތަކެއް ދައްކައި އަނިޔާކުރި ކަމުގެ ތުހުމަތު ސޯޝަލް މީޑިއާގައި ދައުރު ކުރަން ފެށުމުން ޕޯސްޓްޕޯޓަމް ހެދުމަށް ފުލުހުންނަށް އެންގި ކަމަށް އިހުސާން ވިދާޅުވިއެވެ. އެކަމަކު ފުލުހުން އެތަނަށް ދިއުމުން އާއިލާއިން އެއީ ގުދުރަތީ މަރެއް ކަމަށް ގަބޫލުކުރާ ކަމަށާއި ޕޯސްޓްމޯޓަމް ހަދައިގެން ހަށިގަނޑަށް އިތުރަށް ގެއްލުންދޭން ބޭނުން ނުވާ ކަމަށް ބުނުމާއެކު ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވެސް ލަފާފުޅުގެ މަތިން ނިންމީ އާއިލާއާއި ދެކޮޅަށް އެކަން ނުކުރަން އިހުސާން ވިދާޅުވި އެވެ.