އީރާނުގެ ރައީސް ކަމުގައި ހުންނެވި ހަރުކަށި ލީޑަރު އެބްރާހިމް ރައީސީ ހެލިކޮޕްޓަރު އެކްސިޑެންޓެއްގައި މެއި 19 ވަނަ ދުވަހު އަވަހާރަވުމާއެކު އެ ގައުމުގައި ބޭއްވި އިންތިހާބުން ހަރުކަށި ލީޑަރު ސައިދު ޖަލީލީ ކުރިހޯއްދަވައިފިއެވެ.
އީރާނުގެ ރޫހީ ލީޑަރު ހާމަނާއީގެ ދަށުގައި ނިއުކްލިއާ ނިގޯޝިއޭޓަރެއްގެ ގޮތުގައި 4 އަހަރު މަސައް ކުރެއްވި ޖަލީލީ ކުރި ހޯއްދަވާފައިވަނީ 42 ޕަސެންޓާއެކުގައެވެ. އޭނާ އަކީ އީރާނުގައި މިހާރުވެސް އޮންނަ ސިޔާސަތުތަކަށް ތާއީދު ކުރައްވާ ކޮންޒަވޭޓިވް ވިސްނުމުގެ ބޭފުޅެކެވެ. އެގޮތުން އީރާނު ގަބޫލު ކުރާ ހަމަތަކާއި އުސޫލުތައް ދެމެހެއްޓުމާއެކު މިނިވަން ވިޔަފާރިއަށް އޭނާ ތާއީދު ކުރައްވައެވެ.
އިންތިހާބުގެ ވޯޓު ގުނުން ކުރިއަށް ދާއިރު މިހާތަނަށް ުނި 14 މިލިއަން ވޯޓުން ޖަލީލީ އަށް ކުރި ލިބިވަޑައިގެންފައި ވީ ނަމަވެސް އިންތިހާބު ކާމިޔާބު ވާން 50 ޕަސެންޓް ބޭނުންވާނެއެވެ.
ޖަލީލީއާ އެންމެ ގާތުން ވާދަ ކުރައްވަނީ، ހާޓް ސާޖަން އަދި ހެލްތު މިނިސްޓރުކަން ކުރެއްވި މެދުމިނުގެ ސިޔާސަތެއް ގެންގުޅުއްވާ މައްސޫދު ޕަޒެޝްކިއާން އެވެ.
އޭނާ އަށް 40 ޕަސެންޓް ލިބިވަޑައިގެންފައި ވާ އިރު، މުރާސިލުން ބުނަނީ އެނަތީޖާގައި ނިމިއްޖެ ނަމަ އިންތިހާބުގެ ދެވަނަ ބުރެއް ބާއްވަން ޖެހޭނެ ކަމަށެވެ.
ދެވަނަ ބުރުގެ ވޯޓުލުން ބާއްވާ ތާރީހު އަދި އިއުލާން ކޮށްފައި ނުވާ އިރު މުރާސިލުން ބުނަނީ ހެރުކަށި ފިކުރު ގެންގުޅޭ ފަރާތްތަކުގެ ވޯޓު ހޯދުމުގަިއ ޖަލީލީއަށް ނާކާމިޔާބީ އާ ކުރިމަތި ވުމަކީ ދެވަނަ ބުރުގައި ޕަޒެޝްކިއާން އަށް ފުރުސަތު ބޮޑުވާނެ ކަމެކެވެ.
ވޯޓު ލީ ދުވަހު ވޯޓަށް ފަހު ޕަޝެންކިއާން ވިދާޅުވެފައި ވަނީ އީރާނުގައި އޮންނަ ބުރުގާ އެޅުމާ ބެހޭ ގާނޫނަށް އިހުތިރާމް ކުރައްވާނެ ކަމަށާއި ނަމަވެސް އެއީ އަންހެނުންނާ މެދު އިންސާނިއްޔަތާ ހިލާފު އަމަލުތައް ހިންގާ ކަމަކަށް ވެގެން ނުވާނެ ކަމަށެވެ.
އެބްރާހިމް ރައީސީ އަވާހަރަ ވުމާއެކު ބޭއްވި އިންތިހާބަށް ހުޅުވާލުމުން ޖުމްލަ 80 ކެންޑިޑޭޓުން ކުރިމަތި ލިއެވެ. އެ ކެންޑިޑޭޓުންގެ ތެރެއިން އިންތިހާބުގައި ވާދަ ކުރަން ޝަރުތު ހަމަވެ ހޮވީ 6 ކެންޑިޑޭޓުންނެވެ. އޭގެ ތެރޭގައި ހަރުކަށި ފިކުރުގެ 2 ކެންޑިޑޭޓުން ހިމެނުނެވެ.