ސާޖަރީ ޑޮކްޓަރުން ތަމްރީނު ކުރުމަށް މެލޭޝިއާ އާއެކު އެއްބަސްވުމެއްގައި ސޮއި ކުރުމަށް ހަމަޖެހިފައިވާ ކަމަށް ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރާފިއު ވިދާޅުވެއްޖެއެވެ.
ރާފިއު މިފަދައިން ވިދާޅުވެފައި ވަނީ ކުޅިވަރު ކުޅޭއިރު ލިބޭ އަނިޔާތަކާ ބެހޭގޮތުން ދަރުމަވަންތަ ހޮސްޕިޓަލްގައި ބޭއްވި މަހާސިންތާއެއްގައި ވާހަކަ ދައްކަވަމުންނެވެ. އެގޮތުން ރާފިއު ވިދާޅުވީ ރާއްޖޭގައި މިހާރު ތަފާތު ކުޅިވަރުތަކަށް އޮންނަ ޑިމާންޑު ބޮޑު ވަމުން ދާކަމަށާއި، ކުޅިވަރަށް އޮންނަ ޝައުގު އިތުރުވެ ގިނަ ފަރާތްތަކުން މިކަމުގެ ތެރެއަށް ނުކުތުމަކީ އުފާވާން ޖެހޭ ކަމެއް ކަމަށެވެ.
މިއާއެކު ކުޅިވަރު ކުޅޭ މިންވަރު އިތުރުވަމުން ދާ ވަރަކަށް، ކުޅުންތެރިންނަށް އަނިޔާ ލިބޭ މިންވަރު އިތުރުވާނެކަން ފާހަގަ ކުރައްވާ ރާފިއު ވިދާޅުވީ ޑިމާންޑާ އެއްވަރަށް ފަރުވާ ދޭނެ ޑޮކްޓަރުން ރާއްޖޭގައި ތިބެންޖެހޭ ކަމަށެވެ.
ރާފިއު ވިދާޅުވީ ދިވެހި މުޖުތަމައަކީ ހަށިހެޔޮ ހަރަކާތްތެރި މުޖުތަމައަކަށް ހެދުމަށް ގިނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާ ކަމަށާއި އެގޮތުން ޑޮކްޓަރުން ތަމްރީން ކުރަން މެލޭޝިޔާއާއެކު ވަރަށް އަވަހަށް އެއްބަސްވުމެއްގައި ސޮއިކުރައްވާނެ ކަމަށެވެ. މިއެއްބަސްވުމުގެ ދަށުން މެލޭޝިޔާގެ ޔުނިވަސިޓީތަކުން ދިވެހި ސާޖަނުންނަށް ތަމްރީން ފުރިހަމަ ކުރެވޭނެ މަގު ފަހިވާނެ ކަމަށްވެސް ރާފިއު ވަނީ ވިދާޅުވެފައެވެ.
ދަރުމަވަންތަ ހޮސްޕިޓަލްގައި ބޭއްވި މި މަހާސިންތާ އަކީ މެލޭޝިޔާގެ ކެބާންސަން ޔުނިވަސިޓީއާއި ޑިޕާޓްމަންޓް އޮފް އޯތޮޕީޑިކްސް އެންޑް ޓްރޯމާ ސާޖަރީ އަދިި މޯލްޑިވިއަން އޯތޮޕީޑިކް އެސޯސިއޭޝަން ގުޅިގެން މި މަހުގެ 26 އިން 27 ގެ ނިޔަލަށް ކުރިއަށް ގެންދިޔަ މަހާސިންތާއެކެވެ.