މިފްކޯގެ މައި ޕްރޮޑަކްޝަން ހަބު ކަމުގައިވާ ޅ. ފެލިވަރުގެ އެކްސްޕެންޝަން ޕްރޮޖެކްޓުގެ ސްކޯޕުގައި ހިމެނޭ ކޭނަރީގެ ޑިޒައިނިން މަސައްކަތް ފަށައިފިއެވެ.

ޗައިނާ ކޮންޓްރެކްޓްރަކާއި، ސަރުކާރާއި ދެމެދު ސޮއިކޮށްފައިވާ އެމްއޯޔޫއެއްގެ ދަށުން ފެށި މި މަޝްރޫއުގެ އެންމެ ފަހުގެ މައުލޫމާތު ހިއްސާކުރައްވަމުން ފެލިވަރުގެ ރީޖަނަލް މެނޭޖަރު މިޝާލް އަހުމަދު ވިދާޅުވީ، މިވަގުތު މިފްކޯގައި ހުރި ކޭނަރީއަކީ 40 އަހަރަށްވުރެ ގިނަ ދުވަސްވެފައިވާ ކޭނަރީއެއް ކަމަށެވެ.

އަދި އަލަށް ގާއިމްކުރާ ކޭނަރީގެ ސަބަބުން ފެލިވަރުގެ އޮޕަރޭޝަންގެ އެފިޝެންސީގެ އިތުރުން ޕްރޮޑަކްޝަން ކެޕޭސިޓީ ބޮޑު ތަނުން އިތުރުވެގެން ދާނެ ކަމަށް އޭނާ ވިދާޅުވިއެވެ. އެގޮތުން ރާއްޖޭގައި ބާނާ ކަޅުބިލަމަހާއި ކަންނެލީގެ އިތުރުން މަހުގެ އުފެއްދުންތައް އިތުރުވެގެންދާނެކަން މިޝާލް ވިދާޅުވިއެވެ.

މިފްކޯއިން ބުނި ގޮތުގައި މިހާރު ހުރި ކޭނަރީއަކީ 1976 ވަނަ އަހަރު ގާއިމްކޮށްފައިވާ، އެ ދުވަަސްވަރަށް އެންމެ އެކަށީގެންވާ، ވަރަށް ޒަމާންވީ ފެސިލިޓީއެއް ކަމަށެވެ. އެކަމަކު ކުރިއަރަމުންދާ ޓެކްނޮލޮޖީއާއިއެކު އަލަށް ގާއިމްކުރާ ކޭނަރީއަކީ ފުލް އޮޓޮމެޓިކް ފެސިލިޓީއެއް ކަމަށާއި އެގޮތުން މަސްދަޅު ބަންދުކުރުމާއި، ލޭބަލް ޖެހުމާއި، ޕެކިންގެ އިތުރުން ގުދަން ކުރުމުގެ މަސައްކަތް ހިނގާނީ މެޝިނަރީތަކުގެ ޒަރީއާއިން ކަމަށް އެ ކުންފުނިން މައުލޫމާތު ދިނެވެ.

ފެލިވަރުގައި ގާއިމް ކުރާ 100 ޓަނުގެ ކޭނަރީ ޑިޒައިން ކުރަން ފެށުން / ފޮޓޯ: މިފްކޯ

ފެލިވަރުގައި ގާއިމްކުރާ ކޭނަރީއަކީ ކޮންޓްރެކްޓާ ފައިނޭންސްގެ އުސޫލުން 40 މިލިއަން ޑޮލަރު ހަރަދުކޮށްގެން ކުރިއަށް ގެންދަން ނިންމާފައިވާ މަޝްރޫއަކަށްވާއިރު މިފްކޯގެ އަމާޒަކީ، މި މަޝްރޫއު 2026 ގެ ނިޔަލަށް އެއްކޮށް ނިންމުމެވެ.

ފެލިވަރު އެކްސްޕެންޝަން ޕްރޮޖެކްޓުގެ ސްކޯޕުގެ ތެރޭގައި ހިމެނޭ ކޭނަރީގެ އިތުރުން އިންޑިއާގެ ކުންފުންޏަކާއި ހަވާލުކޮށްގެން ކޯލްޑް ސްޓޯރޭޖް މަސައްކަތްވެސް ދަނީ ކުރަމުންނެއެވެ.

އެކަމާ ގުޅޭ އެންމެ ފަހުގެ މައުލޫމާތު ހިއްސާ ކުރައްވަމުން އެ ކުންފުނީގެ އިންޖިނިއަރިން އެންޑް ޕްރޮޖެކްޓް ޑިޕާޓްމެންޓުގެ މެނޭޖަރ މުހައްމަދު ޝަމީމް ވިދާޅުވީ، ރާއްޖޭގެ އުތުރުގައި މަސްގަނެ، މަސް ފިނިކޮށްގެން ރައްކާކުރެވޭނެ ނިޒާމެއް ސަރުކާރުން ނުވަތަ އަމިއްލަ ފަރާތަކުން އަދި މިހާތަނަށް ގާއިމްކޮށްފައި ނެތް ކަމުގައިވިޔަސް، އެ މަޝްރޫއުގެ ސަބަބުން އުތުރުގެ މަސްވެރިންނަށް ފަސޭހަކަމާއެކު ސީދާ ފެލިވަރަށް މަސް ކިރޭނެ ކަމަށެވެ.

މުހައްމަދު ޝަމީމް، މިފްކޯގެ އިންޖިނިއަރިން އެންޑް ޕްރޮޖެކްޓް ޑިޕާޓްމެންޓުގެ މެނޭޖަރު

އަދި އެއީ 4000 ޓަނުގެ ކޯލްޑް ސްޓޯރޭޖެއްކަން ފާހަގަކުރައްވަމުން ޝަމީމް ވިދާޅުވީ، ކޯލްޑް ސްޓޯރޭޖާއިއެކު، 200 ޓަނުގެ ބްރައިން ފްރީޒިން އާއި 80 ޓަނުގެ އާރުއެސްޑަބްލިއު ސިސްޓަމެއް ގާއިމްކުރެވޭނެ ކަމަށެވެ. އަދި މި ޕްރޮޖެކްޓުގެ ސަބަބުން ފެލިވަރަށް ދުވާލެއްގެ މައްޗަށް 280 ޓަނުގެ މަސް އިތުރަށް ކިރޭނެ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

"މި ޕްރޮޖެކްޓް ނިމޭއިރު، މަސްވެރިން ބާނާ މަސް ދުވަހުން ދުވަހަށް ކިރޭނެ ކަމުގެ ޔަގީންކަން މަސްވެރިންނަށް ލިބިގެން ދާނެ."
ޝަމީމް

ޝަމީމް ވިދާޅުވިގޮތުގައި ފެލިވަރުގައި ކޯލްޑް ސްޓޯރޭޖް ގާއިމްކުރުމުގެ ސަބަބުން އުތުރުގެ މަސްވެރިން ކޫއްޑޫއަށް މަސްކިރަން ދިއުމަށް ކުރާ ދިގު ދަތުރުތައް ނިމުމަކަށް އަންނާނެއެވެ. އަދި އުތުރުގެ މަސްވެރިން ތެލަށް ކުރާ ހަރަދު ވަރަށް ބޮޑަށް ކުޑަވެގެންދާނެކަން ޝަމީމް ފާހަގަކުރެއްވިއެވެ.

ސަރުކާރުން 22 މިލިއަން ޑޮލަރު ހަރަދުކުރުމަށް ނިންމާފައިވާ ފެލިވަރުގެ ކޯލްޑް ސްޓޯރޭޖް ޕްރޮޖެކްޓަކީވެސް، އެސައިޓުގެ އެކްސްޕެންޝަން ޕްރޮޖެކްޓުގެ ތެރޭގައި ހިމެނޭ މަސައްކަތެކެވެ.

އެގޮތުން އެ ޕްރޮޖެކްޓަކީ 2023 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ 18 ވަނަ ދުވަހު އިންޑިއާގެ ކުންފުންޏެއް ކަމުގައިވާ ރައިނެކް އިންޑިއާ ލިމިޓެޑާއި ހަވާލުކުރި މަޝްރޫއެކެވެ. އެއީ އިންޑިއާގެ އެގްޒިމް ބޭންކުގެ 800 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓްގެ ދަށުން ހަރަދުކޮށްގެން ހިންގަން ނިންމި މަޝްރޫއެކެވެ.