ޝަރީއަތް ނިމެންދެން ކ. މާފުށީ ޖަލުގައި ބަންދުކޮށްފައި ހުއްޓާ ހިތް ހުއްޓިގެން ނިޔާވި މުހައްމަދު ޖަމީލް، ޒަމާނީވިލާ / ށ. ފުނަދޫ، 45އ ނިޔާވި މައްސަލަ ތަހްގީގުކުރަމުންދާ ކަމަށް ފުލުހުން ބުނެފިއެވެ.

ކަރެކްޝަނުން މިއަދު މެންދުރުފަހު ބުނީ، ޖަމީލް ގޮޅިން ނުނިކުމެ، ހަރަކާތްނުކޮށް ގިނައިރު އޮތްކަން ފާހަގަކުރެވިގެން ސީޕީއާރު ދިނުމުން ވެސް އޭނާގެ ހާލަތަށް އެއްވެސް ބަދަލެއް ނައުމުން މާފުށީ ސިއްހީ މަރުކަޒަށް މެންދުރު 12:13 ހާއިރު ގެންގޮސް ފަރުވާދިން ކަމަށެވެ.

އެކަމަކު އޭގެ ބައިގަޑިއިރު ފަހުން އޭނާގެ ހިތް ހުއްޓި ނިޔާވެފައިވާ ކަމަށް، ޑޮކްޓަރާ ހަވާލާދީ ކަރެކްޝަނުން ބުންޏެވެ.

އެކަން ފުލުހުންނަށް އަންގާފައިވާނެ ކަމަށް ވެސް އެ ހިދުމަތުން ބުނެފައިވެއެވެ.

ފޭސްބުކްގައި ކޮމެންޓްކުރި މީހަކު ވަނީ، ޖަމީލް މަރާލާފައި ވަނީ ގަސްދުގައި ކަމަށް ތުހުމަތުކޮށްފައެވެ.

"ޖަމީލް މަރާލާފައިވަނީ އަނިޔާކޮށްގެން ކަމަށް، ޖަލުގައި ތިބި އެތައް ގައިދީންނެއް އެބަ ކަށަވަރުކޮށްދޭ، އަނިޔާކޮށްގެން ނުހިނގޭ، ގެންދަނިކޮށް އެތައް ގައިދީންނަކަށް ވަނީ ފެނިފައި، ސިއްހީ ފަރުވާނުދީ ބާއްވައި ގަސްދުގައި އޭނަ މަރާލީކަމަށް ލޮލަށް ފެނުނު ގިނަ ގައިދީން ބުނޭ،" އެ ކޮމެންޓުގައިވެއެވެ.

މިކަމާ ގުޅިގެން ފުލުހުން މީޑިއާތަކަށް ދިން ކުރު ޖަވާބެއްގައި ބުނީ، ޖަލުގައި ގައިދީއަކު ނިޔާވި މައްސަލައެއް ފުލުހުންނަށް ލިބިފައިވާ ކަމަށާއި އެ މައްސަލަ ތަހްގީގުކުރަމުންދާ ކަމަށެވެ.

ޖަމީލް އެންމެ ފުރަތަމަ ހައްޔަރުކުރީ ސަލްމާން މިސްކިތުގައި އިމާމް މީހާ ހުކުރު ޚުތުބާ ކިޔުމުގެ ކުރިން މިންބަރަށް އަރައި އަޑުގަދަކުރި މައްސަލައިގައެވެ. އޭގެ ފަހުން އޭނާ ހައްޔަރުކުރީ ކުރީގެ ސްޓޭޓް މިނިސްޓަރު އަލީ ސޯލިހަށް ހަމަލާދިން މައްސަލައިގައެވެ.