ޝަރީއަތް ނިމެންދެން ކ. މާފުށީ ޖަލުގައި ބަންދުކޮށްފައި ހުރި މީހަކު މިއަދު ނިޔާވެއްޖެއެވެ.

ކަރެކްޝަނުން ބުނީ، ނިޔާވެފައިވަނީ މުހައްމަދު ޖަމީލް، ޒަމާނީވިލާ / ށ. ފުނަދޫ، 45އ ކަމަށެވެ.

ޖަމީލް ގޮޅިން ނުނިކުމެ، ހަރަކާތްނުކޮށް ގިނައިރު އޮތްކަން ފާހަގަކުރެވިގެން ސީޕީއާރު ދިނުމުން ވެސް އޭނާގެ ހާލަތަށް އެއްވެސް ބަދަލެއް ނައުމުން މާފުށީ ސިއްހީ މަރުކަޒަށް މެންދުރު 12:13 ހާއިރު ގެންގޮސް ފަރުވާދިން ކަމަށާއި، އޭނާގެ ހިތް ހުއްޓި ނިޔާވެފައިވާ ކަމަށް ކަނޑައަޅާފައިވަނީ އޭގެ ބައިގަޑިއިރު ފަހުން ކަމަށް ކަރެކްޝަނުން ބުންޏެވެ.

އެ ހިދުމަތުން އިތުރަށް ބުނި ގޮތުގައި، ނަފްސާނީ ބައްޔަކަށް ވެސް ފަރުވާ ހޯދަމުން ދިޔަ ޖަމީލަކީ ތޫނު ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގި މައްސަލައެއްގައި ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ހުރި މީހެކެވެ.

ޖަމީލް ނިޔާވިކަން އޭނާގެ އާއިލާއަށާއި ފުލުހުންނަށާއި ހިއުމަން ރައިޓްސް ކޮމިޝަނާއި ނެޝަނަލް އިންޓެގްރިޓީ ކޮމިޝަނަށް އަންގާފައިވާނެ ކަމަށް ކަރެކްޝަނުން މައުލޫމާތު ދެއެވެ.

ޖަމީލް އެންމެ ފުރަތަމަ ހައްޔަރުކުރީ ސަލްމާން މިސްކިތުގައި އިމާމް މީހާ ހުކުރު ޚުތުބާ ކިޔުމުގެ ކުރިން މިންބަރަށް އަރައި އަޑުގަދަކުރި މައްސަލައިގައެވެ. އޭގެ ފަހުން އޭނާ ހައްޔަރުކުރީ ކުރީގެ ސްޓޭޓް މިނިސްޓަރު އަލީ ސޯލިހަށް ހަމަލާދިން މައްސަލައިގައެވެ.