ދީނީ ގޮތުން ހައްދުފަހަނައަޅައި ދިއުން ފަދަ ދީނާ ދުރު ފިކުރުތައް ދިވެހިންގެ ތެރޭގައި ފެތުރެން ފަށާފައިވާ ކަމަށް ހުކުރު ހުތުބާގައި ބުނެފިއެވެ.

މިއަދުގެ ހުތުބާ ހާއްސަކޮށްފައި ވަނީ "އިސްލާމް ދީނަކީ މެދުމިނުގެ ދީން" މި މައުޟޫއަށް ކަމަށް ވާއިރު ހުތުބާގައި ބުނީ ދީނީ ގޮތުން ހޭދަކުރުމުގައްޔާއި، އަޅުކަން ކުރުމުގައި ވެސް ދީނުގައި އޮތީ މެދުމިން ކަމަށެވެ.

އިސްލާމްދީނަކީ މެދުމިނުގެ ދީންކަމަށްވާ އިރު، އެ ދީނާ ދުރު ބައެއް ފިކުރު، ދިވެހީންގެ ތެރޭގައި ފެތުރެން ފަށާފައިވާކަން ހުތުބާގައި ވަނީ ފަހަގަކޮށްފައެވެ. އެގޮތުން އެވެ. ދީނީ ގޮތުން ހައްދު ފަހަނަޅައިދިއުމާއި ކަލަކު ވޮޑިގެންވާކަން ގަބޫލުނުކުރުމުގެ ފިކުރު ފެތުރެމުންދާ ކަމަށް ހުތުބާގައި ވަނީ ބުނެފައެވެ.

ކަލަކު ވޮޑިގެންވާކަން ގަބޫލުނުކުރުމުގެ ފިކުރުގެ އަހުލުވެރިންނާ މުސްލިމުންނާ ދެމެދު އޮންނަ ޝަރުއީ ގުޅުންތައް ކެނޑޭނެ ކަމަށާއި ކާވަނީގެ ގުޅުމާއި، ވާރުތަވުން ފަދަ ހުރިހައި ގުޅުންތަކެއް ކެނޑޭނެކަން ހުތުބާގައި ފާހަގަކޮށްފައިވެއެވެ. އަދި އެ މީހުން އެ ގޮތުގައި މަރުވެއްޖެ ނަމަ، ތިބޭނީ ނަރަކައިގައި ކަމަށް ހުތުބާގައި ވަނީ ބުނެފައެވެ.

ދީނުގައި ހަރުކަށިވުމުގެ ފިކުރު ވެސް ފެތުރެމުންދާކަން ފާހަގަކޮށް ހުތުބާގައި ބުނީ ދީނުގައި އޮތް މެދުމިން ދޫކޮށް، ހަރުކަށިވެ، ހައްދުފަހަޅައި ދިއުމަކީ، ކީރިތި ރަސޫލާ އުންމަތަށް މަނާކުރައްވާފައިވާ ކަމެއް ކަމަށާއި އޭގެ ސަބަބުން އުއްމަތް ހަލާކުވެދާނެކަމަށް އިންޒާރު ކުރައްވައިފައިވާ ކަމަށެވެ.

ދީނުގައި ހަރުކަށިވުމަކީ، ދީނުގެ އިންތައް ފަހަނަޅައި ދިއުން ކަމަށާއި އިސްލާމް ދީނުގައި އޮންނަ ގޮތަށް، ހުކުމްތައް ބަޔާންކޮށްދިނުމާއި، ބަރާބަރަށް ނަމާދުކުރުމަށާއި، ސުންނަތާ އެއް ގޮތަށް އާދަކާދަތައް ބެހެއްޓުމަށް ނަސޭހަތްތެރިވުމާއި، ރިބާ ނުކެއުމާއި، މަސްތުވާތަކެތި ބޭނުންނުކުރުމަށް ގޮވައިލުން ފަދަ ކަންކަމަކީ، ހައްދުފަހަނަޅައިދިއުމެއް ނޫން ކަމަށް ހުތުބާގައި ވަނީ ބުނެފައެވެ. އަދި ފޭރާން އެޅުމުގައި ޝަރުއީ މިންގަނޑުގައި ހިފެހެއްޓުން ފަދަ ކަންކަމަކީ ވެސް ހަރުކަށިކަމާ ގުޅުން ހުރި ކަންކަމެއް ނޫން ކަން ހުތުބާގައި ބުނެފައިވެއެވެ.

މީގެއިތުރުން އިސްލާމް ދީނަށާއި، ދީނީ އިލްމުވެރީންނަށް ފުރައްސާރަކުރުމާއި، ދީނީ ކަންކަމަށް ހަޖޫ ޖެހުން އާންމުވަމުންދާ ކަމަށް ހުތުބާގައި ބުނެފައިވެއެވެ. ދީނުގައި ޝަރުއު ކުރައްވައިފައިވާ ކަމަކަށް ހަޖޫޖަހައި، ފުރައްސާރަކުރުމީ ދީނުން ބޭރުވާ ކަމެކެވެ.

ހުތުބާގައި އިތުރަށް ބުނީ ބައެއް މުސްލިމުން ދީނާ ދުރަށް ދަނީ، ދީނީ ކަންކަމުގައި ސައްގަ މައުލޫމާތު ނުލިބުމުގެ ސަބަބުން ކަމަށެވެ. އަދި މިއީ އިންޓަނެޓުގެ ޒަމާން ކަމަށް ވާއިރު އިންޓަނެޓުގައި އާންމުކުރާ ދީނީ މައުލޫމާތުތަކަކީ އިތުބާރު ހިފޭ މަސްދަރުތަކަކުން ކަށަވަރުކުރެވޭ މައުލޫމާތުތޯ ބެލުމަށް ވަނީ ހުތުބާގައި ގޮވާލާފައެވެ.