މަސްތުވާތަކެއްޗާ ދެކޮޅަށް ފުވައްމުލަކުގައި ކުރިއަށް ގެންދާ އޮޕަރޭޝަންގައި 14 މީހުން ހައްޔަރުކޮށްފިއެވެ.

މިއީ ފުވައްމުލައް ސިޓީއަކީ މަސްތުވާތަކެތިން ރައްކާތެރި ސިޓީއަކަށް ހެދުމަށްޓަކައި "ވެށި ރައްކަލް" ގެ ނަމުގައި ފުލުހުން ކުރިއަށް ގެންދާ އޮޕަރޭޝަނެކެވެ.

ފުލުހުން ބުނީ މިދިޔަ މެއި މަހުގެ 1 ވަނަ ދުވަހުން ފެށިގެން ފުވައްމުލައް ސިޓީ ފުލުހުން ކުރިއަށް ގެންދާ މި އޮޕަރޭޝަނުގައި، ފުވައްމުލައް ސިޓީއަށް މަސްތުވާތަކެތި އެތެރެކޮށް، ވިއްކައި، ވިޔަފާރިކުރާ ފަރާތްތައް ހޯދައި ރަށުގެ އެކި ސަރަހައްދުތަކާއި ގޭބިސީތައް ބަލައިފާސްކުރަމުން ގެންދާނެ ކަމަށެވެ.

އެގޮތުން، މި އޮޕަރޭޝަނުގައި މިހާތަނަށް 14 މީހުން ހައްޔަރުކޮށްފައިވާ ކަމަށާއި 760.45 ގްރާމުގެ މަސްތުވާތަކެތި ހޯދާފައިވާ ކަމަށް ފުލުހުން ބުނެއެވެ. މި މައްސަލަތަކާ ގުޅިގެން ހައްޔަރުކުރި މީހުންގެ ތެރެއިން މި ވަގުތު ފުލުހުންގެ ބެލުމުގެ ދަށުގައި ތިބީ ފަސް މީހުން ކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ.

ފުލުހުން އިތުރަށް ބުނީ މި އޮޕަރޭޝަންގައި، މަސްތުވާތަކެތީގެ ތުހުމަތުގައި މި މަހު 25 ވަނަ ދުވަހުގެ ރޭ ބަޔަކު ހައްޔަރުކުރަން އުޅުމުން ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސްއަޅައި އަދި ޕޮލިސް ސްޓޭޝަން ދޮށަށް އެއްވެ މާރާމާރީ ހިންގަން އުޅުނު ބަޔަކު ވެސް ހައްޔަރުކޮށްފައިވާ ކަމަށެވެ.