ތިމާވެއްޓާ ބެހޭ ސްޓޭޓް މިނިސްޓަރު ފާތިމަތު ޝަމްނާޒް އަލީ ސަލީމް ހިމެނޭހެން ތިން މީހަކު ހައްޔަރުކޮށް ތަހްގީގުކުރަމުން ދަނީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ދެކަނބަލުންނަށް ސިހުރު ހެދި މައްސަލައެއްކަން ފުލުހުން ޔަގީންކޮށްދީފިއެވެ.
ޝަމްނާޒާއި އިތުރު ދެ މީހަކު މިދިޔަ އާދީއްތަ ދުވަހުގެ ވަގުތެއްގައި މި މައްސަލައިގައި ހައްޔަރުކޮށް، ހަތް ދުވަހަށް ވަނީ ބަންދުކޮށްފައެވެ.
މިރޭ އިސްކަންދަރު ކޮށީގައި ހޯމް މިނިސްޓްރީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުން އެސިސްޓަންޓް ކޮމިޝަނަރު އަބްދުﷲ ޝަރީފް ވަނީ އެކަން ޔަގީންކޮށްދެއްވައިފައެވެ.
ނަމަވެސް އެ މައްސަލަ ތަހްގީގުކުރެވެމުންދާ ކަމަށް ވިދާޅުވެ، މައްސަލައިގެ އިތުރު ތަފްސީލު އޭނާ ހާމައެއް ނުކުރައްވައެވެ. އެކަމަކު ތަހްގީގު ފުރިހަމަވުމުން ހާމަކުރެވެން ހުރި މައުލޫމާތު ހާމަކުރައްވާނެ ކަމަށް ވިދާޅުވިއެވެ.
ޝަމްނާޒްގެ އިތުރުން އޭނާގެ ކުރީގެ ފިރިކަލުން، ރައީސް އޮފީހުގެ ވަޒީރު އާދަމް ރަމީޒު ވެސް ވަނީ މަގާމުގެ މަސްއޫލިއްޔަތުތަކުން މިއަދު އެކަހެރިކޮށްފައެވެ. ރައީސް އޮފީހުން މިކަން ހާމަކުރުން ފިޔަވައި އިތުރު ތަފްސީލެއް ނުދެއެވެ.
ޝަމްނާޒް މަގާމުން އެކަހުރި ކަމަށް ރައީސް އޮފީހުގެ އިސް ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވި ނަމަވެސް، ތިމާވެއްޓާ ބެހޭ ވުޒާރާގެ ވެބްސައިޓުގައިވާ ގޮތުން، ޝަމްނާޒް ސްޓޭޓް މިނިސްޓަރުކަން ކުރައްވާފައި ވަނީ މިދިޔަ އޭޕްރިލް މަހުގެ ހަތަރުވަނަ ދުވަހުން ފެށިގެން އިއްޔެގެ ނިޔަލަށެވެ. އެ މިނިސްޓްރީން ވަނީ، ކުރީގެ ސިޔާސީ މުވައްޒަފުންގެ ބަޔަށް ޝަމްނާޒްގެ ނަން ބަދަލު ވެސް ކޮށްފައެވެ.
މީގެ ކުރިން މާލޭގެ ހެންވޭރު ދެކުނު ދާއިރާގެ ކައުންސިލަރުކަން ވެސް ކުރައްވި ޝަމްނާޒު ހިނގަމުން މިދާ ސަރުކާރުގައި ފުރަތަމަ އައްޔަންކުރައްވާފައި ވަނީ މުލީއާގޭގެ މިނިސްޓަރު ކަމަށެވެ.
އެންވަޔަރަމަންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށް އޭނާ ބަދަލުކުރީ ގަނޑުވަރުތެރެއާ ގުޅޭ ސިއްރުތަކެއް ލީކްކުރެއްވި މައްސަލައިގައިކަމަށް އަޑު ފެތުރިފައި ވެއެވެ.