ބިންވެރިޔާ ސްކީމްގެ ދަށުން މާލޭ މީހުންނަށް ހުޅުމާލެ ފޭސް 2 އިން 538 ގޯތި ހަވާލުކޮށްފިއެވެ.

ހައުސިން ޑެވެލޮޕްމެންޓު ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނީ ހުޅުމާލެ ފޭސް 2 އިން މިހާތަނަށް 538 ގޯތި އެ ގޯތި ލިބުން ފަރާތްތަކަށް ހަވާލުކޮށްފައިވާ ކަމަށާއި، ކުރިން ނުދެވި ހުރި 45 ގޯތި އިއްޔެ ހަވާލުކޮށްފައިވާ ކަމަށެވެ.

އެޗްޑީސީއިން ބުނީ މި އާއެކު މި ހަފްތާގައި ޖުމްލަ 57 ގޯތި އެ ތަންތަން ލިބުނު ފަރާތްތަކާ ހަވާލުކުރެވިފައިވާ ކަމަށެވެ.

ނިމިދިޔަ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުން 'ބިންވެރިޔާ ސްކީމް' ގެ ނަމުގައި މާލޭގައި މާލޭ ރައްޔިތުންނަށް ގޯތި ދޫކުރުމަށް ހިންގި ސްކީމްގައި ހުޅުމާލެ އިން 1،000 ގޯތި ދޫކުރަން ވަނީ ނިންމާފައެވެ.

ސަރުކާރުގެ ބިންވެރިޔާ ޕްރޮގްރާމްގެ ދަށުން މާލޭގެ ރައްޔިތުންނަށް ދޫކުރާ ގޯތިތަކުގެ ދާއިމީ ލިސްޓް އާންމު ކުރި އިރު، ގޯތި ލިބުމަށް ޝަރުތު ހަމަވާ 19،631 މީހުން އެބަ ތިއްބެވެ. އޭގެތެރެއިން 18،948 ފަރާތަކަށް މި ބުރުގައި ގޯތި ދޭން ނިންމާފައިވާ އިރު، ގުޅިފަޅުން 2،218 ގޯތި ދޫކުރަން ވަނީ ނިންމާފައެވެ. މީގެ އިތުރުން ހުޅުމާލެއިން 1،351 ގޯއްޗާއި ގިރާވަރުފަޅުން 5،432 ގޯތި ދޭން ވަނީ ނިންމާފައެވެ.