ހުޅުމާލެ ފޭސް 2ގައި ހަދާ ލަގްޒަރީ ވިލާތައް ކަމަށްވާ "އަސޭރިއާ ހޯމްސް އެންޑް ޓައުންހައުސަސް" މަޝްރޫއުގެ ބިންގާ، ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް އަޅުއްވައިދެއްވައިފިއެވެ.

މި ރަސްމިއްޔާތު ބާއްވާފައި ވަނީ މިއަދު ހަވީރު ހުޅުމާލެ ފޭސް 2 ގައެވެ.

ހުޅުމާލޭ ފޭސް 2 ގައި 19،000 އަކަމީޓަރަށްވުރެ ބޮޑު ސަރަހައްދެއްގައި ހިންގާ މި މަޝްރޫއުގެ މަސައްކަތް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ހަވާލުކޮށްފައި ވަނީ ބެޗް ކޮންސްޓްރަކްޝަންސް ޕްރައިވެޓް ލިމިޓެޑާއެވެ.

މި މަޝްރޫއުގެ ދަށުން ހުޅުމާލޭ ފޭސް 2 ގެ އިރުއުތުރު ކަންމަތީގައި ތަރައްގީ ކުރާ މި ސަރަހައްދުގައި މަތީ ފަންތީގެ 3 ބާވަތެއްގެ ގެދޮރު ތަރައްގީ ކުރުމަށް ވަނީ ހަމަޖެހިފައެވެ. އޭގެތެރޭގައި ބީޗް ވިލާގެ ގޮތުގައި 37 ޔުނިޓް، ގާޑަން ވިލާގެ ގޮތުގައި 14 ޔުނިޓް އަދި އާބަން ވިލާގެ ގޮތުގައި 22 ޔުނިޓް ތަރައްގީ ކުރުމަށް ހަމަޖެހިފައިވެއެވެ.

މަތީފަންތީގެ ހިދުމަތްތަކާއެކު ގެދޮރު ތަރައްގީ ކުރުމުގެ މި މަޝްރޫއުގެ މަސައްކަތް ހަވާލުކޮށްފައި ވަނީ 3 އަހަރުގެ މުއްދަތެއްގެ ތެރޭގައި ނިންމުމަށެވެ.