މިފްކޯއިން މަސްވެރިންނަށް ދޭންޖެހޭ ފައިސާ މިއަދު ހަވާލު ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އެ ކުންފުނިން ބުނެފިއެވެ.
ފާއިތުވި 2-3 މަސްދުވަހު މަސްވެރިން ކިރުވި މަހަށް ފައިސާ ނުލިބޭކަމަށް ބުނެ އައްޑޫ ފިޝަރީޒް ކޮމްޕްލެކްސްގައި މަސްވެރިން ދަނީ އިހުތިޖާޖު ކުރަމުންނެވެ. އެ އިހުތިޖާޖަށް ހަފްތާއެއްވާން ގާތްވެފައިވާއިރު ފައިސާ ލިބުމުން ނޫނީ އިހުތިޖާޖު ނުހުއްޓާނެ ކަމަަށް މަސްވެރިން ދަނީ ބުނަމުންނެވެ.
މަސްވެރިންގެ އިހުތިޖާޖުގައި އޭއެފްސީގެ ހިންގުން ހުއްޓުމަކަށް ގެނެސް އެ ސައިޓުން ކަރަންޓު ކަނޑާލައި، މުވައްޒަފުންވެސް ވަނީ ބޭރުކޮށްފައެވެ. ނަމަވެސް ފުލުހުންގެ އެެހީތެރިކަމާއެކު، މިހާރު ސައިޓަށް ކަރަންޓު އަލުން ދިން ނަމަވެސް ސައިޓުގެ އޮޕަރޭޝަން އަދިވެސް އޮތީ ހުއްޓުވާފައެވެ. ބިދޭސީން ހިމެނޭ ގޮތަށް 100އަށް ވުރެ ގިނަ މީހުން އޭފްސީގައި ދަނީ ވަޒީފާ އަދާ ކުރަމުންނެވެ.
މިފްކޯއިން މިއަދު މީޑިއާތަކަށް ހިއްސާ ކުރި މެސެޖެއްގައި ބުނީ، މަސްވެރިންނަށް ދޭންޖެހޭ ފައިސާ ހަމަޖައްސުމުގެ މަސައްކަތް ސަރުކާރުން ކުރަމުން އަންނަ ކަމަށެވެ.
އެގޮތުން މަސްވެރިންނަށް ނުދެވި ހުރި 52 މިލިއަން ރުފިޔާ މިއަދު ދެއްކުމުގެ މަސައްކަތް ސަރުކާރުން ކުރަމުން އަންނަ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށާއި ނަމަވެސް، ރަސްމީ ޖަވާބެއް މިހާތަނަށް ލިބިފައި ނުވާ ކަމަށް މިފްކޯއިން ބުނެއެވެ. އަދި އެ ފައިސާ ހަމަޖެއްސުމަށްފަހު ސަރުކާރުން އިއުލާން ކުރުންވެސް އެކަށީގެންވާ ކަމަށް މިފްކޯއިން ވަނީ ބުނެފައެވެ.
މިދިޔަ އާދިއްތަ ދުވަހު ފިޝަރީޒް މިނިސްޓަރު އަހްމަދު ޝިޔާމް ވަނީ މި ހަފްތާގެ ތެރޭގައި މަސްވެރިންނަށް ފައިސާދޭނެ ކަމަށް ވިދާޅުވެފަ އެވެ. ނަމަވެސް އެއީ ކޮން ތާރީހެއް ކަމެއް މިނިސްޓަރު ހާމަކޮށްފައި ނުވެއެވެ.