ސްޓޭޓް ޓްރޭޑިން އޮގަނައިޒޭޝަން (އެސްޓީއޯ) ގެ އަހަރީ އާންމު ޖަލްސާ އަންނަ މަހުގެ 12 ގައި ބާއްވަން ނިންމައިފިއެވެ.

އެ ކުންފުނިން ބުނީ، އެސްޓީއޯގެ ހުރިހާ ހިއްސާދާރުންނަށް ޖަލްސާގައި ބައިވެރިވުމުގެ ދައުވަތު އަރުވާ ކަމަށާއި ޖަލްސާ ބޭއްވުމަށް ހަމަޖެހިފައިވަނީ ޖުލައި 12 ވަނަ ދުވަހުގެ ރޭ 9:00 ގައި ހުޅުލެ، ނީރި ލައުންޖްގައި ކަމަށެވެ. އަދި އެ ޖަލްސާ އޮންލައިންކޮށް މައިކްރޮސޮފްޓް ޓީމްސް ލައިވް އިވެންޓްސް މެދުވެރިކޮށް ކުރިއަށް ގެންދަން އެ ކުންފުނިން ވަނީ ނިންމާފައެވެ.

މި ޖަލްސާގައި ބައިވެރިވެވޭނީ އިއްޔެގެ ނިޔަލަށް އެ ކުންފުނީގެ ހިއްސާދާރުންގެ ދަފްތަރުގައި ބައިވެރިވެފައިވާ ފަރާތްތަކަށް ކަމަށް އެސްޓީއޯއިން ބުނެއެވެ. އަދި މިގޮތަށް އަމަލު ކުރަން ނިންމާފައިވާ ކަން ވަނީ މި މަހުގެ 9 ވަނަ ދުވަހު އެ ކުންފުނިން އިއުލާން ކޮށްފައެވެ.

އަހަރީ އާންމު ޖަލްސާގައި ބައިވެރިވުމަށް ނުވަތަ ޕްރޮކްސީ މެދުވެރިކޮށް ޖަލްސާގައި ބައިވެރިވުމަށް، އެސްޓީއޯގެ ވެބްސައިޓްގައި ހޮސްޓުކޮށްފައި ވާ ޕޭޖު މެދުވެރިކޮށް ރަޖިސްޓަރީ ކުރެވޭނެއެވެ. ޖަލްސާގައި ބައިވެރިވާން ބޭނުންވާ ހިއްސާދާރުން ޖުލައި 11 ވަނަ ދުވަހުގެ ރޭގަނޑު 9:00 ގެ ކުރިން ރަޖިސްޓަރީ ވާން ވާނެ ކަމަށް އެސްޓީއޯއިން ބުނެއެވެ.

ހަމައެއާއެކު ރަޖިސްޓްރޭޝަން އަދި ޕްރޮކްސީ ބާތިލް ކުރަން އެދޭ ހިއްސާދާރުން ޖުލައި 12 ވަނަ ދުވަހުގެ ރޭގަނޑު 8:00 ގެ ކުރިން "ރަޖިސްޓްރޭޝަން އަދި ޕްރޮކްސީ ބާތިލް ކުރަން އެދޭ ފޯމް" ފުރިހަމަ ކުރުމަށްފަހު އެސްޓީއޯއަށް މެއިލް މެދުވެރިކޮށް ހުށަހެޅުމަށް އެ ކުންފުނިން ބުނެއެވެ. މި ފޯން އެ ކުންފުނީގެ ވެބްސައިޓް އިން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.

ކޮންމެ ހިއްސާދާރަކަށް އޭނާގެ ބަދަލުގައި ޖަލްސާއަށް ހާޒިރުވެ، ވޯޓު ދިނުމަށް އައްޔަން ކުރެވޭނީ އެންމެ ޕްރޮކްސީއަކަށެވެ. އެކަކަށް ވުރެ އިތުރު ފަރާތްތަކަށް ޕްރޮކްސީ ދީފައިވާ ހާލަތުގައި، ހުށަހަޅާފައިވާ ހުރިހާ ޕްރޮކްސީއެއް ބާތިލް ކުރެވޭނެ ކަމަށް އެސްޓީއޯއިން ބުނެއެވެ. ޕްރޮކްސީ ގަބޫލް ކުރެވޭނީ ކޮންމެ ވަކި ފަރާތަކަށް ގިނަވެގެން 100 މެންބަރުންގެ ޕްރޮކްސީއެވެ. މީގެ އިތުރުން 18 އަހަރުން ދަށުގެ ހިއްސާދާރުން ޖަލްސާއަށް ރަޖިސްޓަރީ ކުރާއިރު ބެލެނިވެރިޔާ / ބަލަދުވެރިޔާގެ އައި.ޑީ.ކާޑު ހުށަހަޅަންވާނެ ކަމަށާއި އެ ފަރާތުގެ ބެލެނިވެރިޔާ / ބަލަދުވެރިޔާގެ އައި.ޑީ ކާޑު ހިމަނާފައި ނުވާނަމަ، ރަޖިސްޓްރޭޝަން ބާތިލް ވާނެ ކަމަށް އެސްޓީއޯއިން ބުނެއެވެ.