ސްޓެލްކޯގެ ލޭ ހަދިޔާ ކުރުމުގެ ޕްރޮގްރާމުގައި އެ ކުންފުނީގެ މުވައްޒަފުންގެ ފަރާތުން ބޮޑު އެއްބާރުލުމަކާ ތަރުހީބެއް ލިބިއްޖެއެވެ.

ސްޓެލްކޯއިން ބުނީ މި ޕްރޮގްރާމަކީ މުޖުތަމައުގައި ލޭ ބޭނުންވާ ފަރާތްތަކަށް ފަސޭހައިން ލޭ ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށް މޯލްޑިވިއަން ބްލަޑް ސާވިސަސްއާއި ގުޅިގެން މިއަދު ކުރިއަށް ގެންދެވުނު ޕްރޮގްރާމެއް ކަމަށެވެ. މި ޕްރޮގުރާމުގައި ލޭ ހަދިޔާ ކުރުމަށް 100 އާއި ގާތްކުރާ އަދަދަކަށް މުވައްޒަފުން ވޮލެންޓިއާ ކޮށްފައިވާ ކަމަށްވެސް ސްޓެލްކޯއިން ވަނީ ފާހަގަކޮށްފައެވެ.

ސްޓެލްކޯއިން ބުނީ މުޖުތަމައުގެ ލާބައާއި މަންފާއަށް ކުރެވޭ މިފަދަ ކަންކަމުގައި ކުންފުނީގެ މުވައްޒަފުންގެ ފަރާތުން އަބަދުވެސް އެއްބާރުލުން ލިބެމުންދާކަމަށާއި އެކަމަށް ފަހުރުވެރިކަމާއިއެކު ޝުކުރު އަދާކުރާކަމަށެވެ.

ސްޓެލްކޯއިން ބުނީ ލޭ ބޭނުންވާ ފަރާތްތަކަށް ލޭ ހަދިޔާ ކުރުމުގެ މި ޕްރޮގްރާމު ކޮންމެ އަހަރަކުވެސް ކުރިއަށް ގެންދަން މިހާރު ރާވާފައިވާ ކަމަށެވެ.

ކޮންމެ އަހަރެއްގެ ވެސް ޖޫން މަހުގެ 14 ވަނަ ދުވަހު ފާހަގަ ކުރާ ބައިނަލް އަގުވާމީ ލޭ ހަދިޔާ ކުރާ މީހުންގެ ދުވަހާ ގުޅިގެން ނެރުނު ބަޔާނުގައި ހެލްތް މިނިސްޓްރީއިން ބުނީ ރާއްޖޭގައި ބޭނުން ކުރެވޭ ލޭގެ 70 ޕަސެންޓް ބޭނުން ކުރެވެނީ ތެލެސީމިއާ ޕޭޝަންޓުންނަށް ކަމަށެވެ. ހެލްތް މިނިސްޓްރީއިން ބުނީ ދިވެހިރާއްޖެއަކީ ނިސްބަތުން ތެލަސީމިއާ ޕޭޝަންޓުން ގިނަ ގައުމަކަށްވާއިރު، ދިވެހިރާއްޖޭގައި ލޭ ބޭނުންވާ މިންވަރުވެސް އެހެން ގައުމުތަކާއި އަޅާބަލާއިރު އިތުރު ކަމަށެވެ.

އާންމު ގޮތެއްގައި އެ ގައުމެއްގެ އާބާދީގެ 1 އިންސައްތަ މީހުން ގަވައިދުން ދަރުމައަށް އެދި ލޭ ހަދިޔާ ކުރާ ނަމަ، އެ ގައުމަކަށް ބޭނުންވާ މިންވަރަށް ލޭ ލިބޭނެ ދުނިޔޭގެ ސިއްހަތު ޖަމުއިއްޔާއިން އަންދާޒާ ކުރެއެވެ. ނަމަވެސް ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ވަނީ ދިވެހިރާއްޖެއަށް މި ނިސްބަތް 3 އިންސައްތައަށް މަތިކޮށްފައެވެ.