އޮޅުވާލައިގެން މީހެއްގެ އަތުން ޑޮލަރު ނެގި ދެ މައްސަަލައަކާ ގުޅިގެން ދިވެހި ފިރިހެނަކު ހޯދަން ފަށައިފިއެވެ.

މަކަރާއި ހީލަތުގެ މި މައްސަލަތަކުގެ ތަހުގީގަށް ފުލުހުން ހޯދަމުން ދަނީ، ހދ. ކުޅުދުއްފުށި/ޗާނދަނީގެ އުމުރުން 34 އަހަރުގެ މުހައްމަދު ފާރިހު އެވެ.

ފުލުހުން ބުނި ގޮތުގައި ފާރިހު އަކީ ހުޅުމާލެ ފޭސް 2 ޕޮލިސް އިންވެސްޓިގޭޝަނުން ތަހުގީގު ކުރަމުންދާ، މަކަރާއި ހީލަތުން މީހެއް އަތުން ޑޮލަރު ނަގާފައިވާ ދެ މައްސަލައިގެ ތަހުގީގަށް ހާޒިރުކުރުމަށް ބޭނުންވެފައިވާ މީހެއް ކަމަށެވެ.

ނަމަވެސް އޭނާ އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓު ރައްދުކުރެވިފައި ނުވާތީ ޖިނާއީ މައްސަލަތައް ތަހުގީގުކުރުމުގައި ފުލުހުން އަމަލުކުރާނެ އިޖުރާއަތުގެ ގަވާއިދުގެ 27 ވަނަ މާއްދާގައިވާ ގޮތުގެމަތިން ތަހުގީގަށް ހާޒިރުވުމަށް ފުލުހުން ވަނީ އޭނާއަށް އަންގާފައެވެ.

އެހެންކަމުން މުހައްމަދު ފާރިހް ހުޅުމާލެ ފޭސް 2 ޕޮލިސް ސްޓޭޝަން ނުވަތަ އެންމެ ކައިރީގައިވާ ޕޮލިސް ސްޓޭޝަނަކަށް، 2024 ޖުލައި 4 ވަނަ ދުވަހުގެ 10:00 އަށް ހާޒިރުވުމަށް ފުލުހުން ވަނީ އެދިފައެވެ.

މަކަރާއި ހީލަތުން އެތައް ބައެއްގެ އަތުން ރުފިޔާ ހޯދުމަކީ ރާއްޖޭގައި އާންމުވަމުން އަންނަ މައްސަލައެކެވެ. މިފަދަ މައްސަލަ ތަކާ ގުޅިގެން ފުލުހުންގެ އިތުރުން ކަމާ ބެހޭ އިދާރާތަކުން ދަނީ އާންމުން ހޭލުންތެރިކ ކުރުމަށް ގިނަގުނަ މަސައްކަތްތަކެއް ކުރަމުންނެވެ.