މޯލްޑިވްސް ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)އަށް 19 އަހަރު ފުރުމާ ގުޅިގެން ރައީސް ޑރ. މުހައްމަދު މުއިއްޒު ތަހުނިޔާ ވިދާޅުވެއްޖެއެެވެ.
ރައީސްގެ އިތުރުން ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ވެސް ވަނީ އެމްޑީޕީގެ 19 ވަނަ އަހަރީ ދުވަހުގެ ހެޔޮ އެދުމާއި ތަހުނިޔާ ޕާޓީގެ އިސްވެރިން އަދި މެންބަރުންނަށް އަރިސްކުރައްވާފައެވެ.
އެމްޑީޕީގެ 19 ވަނަ އަހަރީ ދުވަހުގެ މުނާސަބަތާ ގުޅިގެން ޕާޓީގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވީ ޒުވާންކަމުގެ ޖޯޝާއި އެކު ހަރުދަނާ ޒިންމާދާރު ހިތްވަރުގެ ޖޯޝަށް މިސްރާބު ސީދާ ކުރަންވީ ވަގުތު ޖެހިއްޖެ ކަމަށެވެ. އަދި މިއީ ކޮންމެ ގޮތެއް ވަރިހަމަ ނުވެވޭނެކަމުގެ އުމުރު ކަމަށާއި ވާނެ އެއްޗެއްވާން ދޫކޮށްނުލެވޭނެކަމަށެވެ.
އެމްޑީޕީއަކީ ދިވެހި ރައްޔިތުންގެ އުންމީދު ކަމަށާއި ފާރަވެރި ވާދަވެރި ސިޔާސީ ނިޒާމެއްގެ އަލި ދަންމަރު ކަމަށް ޝާހިދު ވިދާޅުވިއެވެ. އަދި މި ޕާޓީއަކީ ދިވެހިރާއްޖޭގެ އިޖުތިމާއީ، އިގްތިސޯދީ އަދި ސިޔާސީ ވެށީގެ ރައްކާތެރި މީޒާނެއް ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.
ޝާހިދު ވިދާޅުވީ އާންމު ރައްޔިތުންގެ ހަމައިގައި ހަމަ ހަމަ ފުރުސަތު އޮންނަ ނޫ އިގްތިސޯދަކާއި، ޖީލުތައް ރައްކާތެރިވާނެ ތިމާވެށި ހިމާޔަތް ދިރިއުޅުމެއް ދިވެހިންނަށް ހޯދައިދިނުމީ އުފާވެރި ދިވެހިރާއްޖެއެއްގެ އަސާސް ކަމަށެވެ. އަދި މާތްވެގެންވާ އިސްލާމްދީނުގެ ތަރުބިއްޔަތާއި، ޒަމާނީ ޑިމޮކްރެޓިކް މުޖުތަމައެއްގެ ސިފަތައް ދައުލަތުގެ އެންމެހައި ބަހާތަކުން ފެންނަކަން ކަށަވަރު ކުރުމަކީ އެމްޑީޕީގެ އަމާޒެއް ކަމަށް އޭނާ ވިދާޅުވިއެވެ.
ދޮގާއި މަކަރާއި އޮޅުވާލުމުގައި ދިވެހިން މަކުޑި އަޅުވާ، ބަންދުކޮށް، ހުއްޓުވިދާނެ ކަމަށް އެއްވެސް ބަޔަކު ގަބޫލު ކުރާނަމަ އެކުރެވެނީ ވަރަށް ބޮޑު ކުށް ހީއެއް ކަމަށާއި ދިވެހިންނަކަށް ކޮންމެ ގޮތެއް ވަރިހަމަ ނުވާނެ ކަމަށް ޝާހިދު ވަނީ ވިދާޅުވެފައެވެ. އަދި އެމްޑީޕީ އަށް ކޮންމެ ގޮތެއް ވަރިހަމަ ނުވާނެކަން އޭނާ ފާހަގަ ކުރެއްވެވިއެވެ.