ޔޫރޯ 2024 ފުޓްބޯޅަ މުބާރާތުގެ ގަދަ 16 އަށްދާ ޓީމުތައް ކަނޑައެޅުމަށް ގްރޫޕް ސްޓޭޖްގެ ފަހު މެޗުތައް ކުޅެމުންދާ އިރު މިރޭ 9 ޖަހާ އިރު ގްރޫޕް ޑީގެ ފަހު ދެމެޗު ކުޅޭނެއެވެ. މިގޮތުން، ފްރާންސް ޕޮލެންޑާ ދެކޮޅަށް ނިކުންނަ އިރު ނެދެލޭންޑްސް ކުޅޭނީ އޮސްޓްރިއާއާއެވެ. ރޭ ގްރޫޕް ބީގައި ސްޕެއިންގެ އަތުން އަލްބޭނިއާ ބަލިވުމުން މި ގްރޫޕުން ފްރާންސް އަދި ނެދެލޭންސް ވަނީ ދެވަނަ ބުރަށް ގޮސްފައެވެ.
މުބާރާތުން ކަޓާފައިވާ ޕޮލެންޑާ ކުޅެ ލަދުވެތި ރިކޯޑެއް ބަދަލުކޮށްލުމުގެ ފުރުސަތު ފްރާންސަށް
2022 ވަނަ އަހަރު ގަތަރުގައި އޮތް ވޯލްޑްކަޕްގެ ރަނަރަޕް ޓީމު ކަމަށްވާ ފްރާންސްއަކީ ޔޫރޯ 2024 ފުޓްބޯޅަ މުބާރާތުގައި އަމިއްލައަށް ލަނޑެއް ނުޖެހި އޮތް ހަމައެކަނި ޓީމެވެ. މުބާރާތުގައި އެޓީމުން ކުޅުނު ފުރަތަމަ މެޗުގައި އޮސްޓްރިއާ އަތުން 1-0 އިން މޮޅުވި ނަމަވެސް ފްރާންސްގެ 'ލަނޑަކީ' އޮސްޓްރިއާއިން ބައިކޮޅަށް ޖެހި ލަނޑެވެ. މުބާރާތުގައި ފްރާންސްއިން ދެވަނަ އަށް ކުޅުނީ ނެދެލޭންޑްސްއާއެވެ. އެމެޗު 0-0 އިން އެއްވަރުވި އިރު މިއީ މިމުބާރާތުގައި މި ސްކޯލައިނުން ނިމުނި ހަމައެކަނި މެޗެވެ.
ހަތަރު ޕޮއިންޓާއެކު ގްރޫޕް ޑީގެ ދެވަނައިގައި ފްރާންސް އޮތް އިރު މިރޭ އެޓީމުން ނިކުންނާނީ ތިން ވަނަ ގްރޫޕްގެ ސްޓޭޖްގެ ފަހު މެޗުތަކަށް އައުމުގެ ކުރިން މުބާރާތުން ކަޓާފައިވާ ޕޮލެންޑާއެވެ. ޕޮލެންޑުން މުބާރާތުގައި މިހާތަނަށް ކުޅުނު އެއްވެސް މެޗަކުން މޮޅުވެފައި ނުވާ އިރު މިރޭގެ މެޗުގައި އެޓީމު ބަލިކުރެވިއްޖެނަމަ ފްރާންސަށް ގްރޫޕްޑީގެ އެއްވަނަ ލިބުމުގެ ފުރުސަތު އެބައޮތެވެ.
އޮސްޓްރިއާއަށް ދެވަނަ ބުރަށް ދެވެން އޮތީ ނެދެލެންޑްސްއާ ކުޅެ ނަތީޖާ ނެރެގެން
މުބާރާތުގައި ކުޅުނު ފުރަތަމަ މެޗުގައި ފްރާންސް އަތުން ހަނިގޮތަކަށް ބަލިވި އޮސްޓްރިއާ ވަނީ ޖެހިގެން އައި މެޗުގައި އެޓީމުގެ ފެންވަރު ދައްކާފައެވެ. މިގޮތުން، 3-1 އިން ޕޮލެންޑް ބަލިކުރުމަށް ފަހު އޮސްޓްރިއާއިން ދެވަނަ ބުރުގެ އުއްމީދު އާކުރިއެވެ.
މިރޭ ނެދެލޭންސްއާ ކުޅެ މޮޅުވެއްޖެނަމަ ގްރޫޕްގެ އެއްވަނަ ޓީމުގެ ގޮތުގައި އޮސްޓްރިއާއަށް ދެވަނަ ބުރަށް ދިއުމުގެ ފުރުސަތު އޮންނާނެއެވެ. އަދި ފްރާންސް މިރޭ މޮޅުވެ ނެދެލޭންޑްސްއާ ކުޅެ އޮސްޓްރިއާއިން އެއްވަރުވި ނަމަވެސް އޮސްޓްރިއާއަށް ދެވަނަ ބުރުގެ ފުރުސަތު ނުގެއްލޭނެއެވެ. އެއީ ގްރޫޕްތަކުގެ ތިން ވަނައަށްދާ ޓީމުތަކުގެ ތެރެއިން އެންމެ ގިނައިން ޕޮއިންޓް ހޯދާ 4 ޓީމަކަށް ދެވަނަ ބުރުން ލިބޭ ޖާގައެއް ލައްވާލުން އެކަށީގެންވާތީއެވެ.