ހދ. ފިނޭ ކައުންސިލަށް ލިބުނު ފައިސާ އާއި ހަރަދު ކުރި ފައިސާ ކަމަށް ހިސާބުތަކުން ދައްކާ އަދަދާއި މާލީ ބަޔާނުން ދައްކާ އަދަދުގައި ފަރަގު ހުރި ކަމަށް އޮޑިޓާ ޖެނެރަލް ތައްޔާރު ކުރި ރިޕޯޓްގައި ބުނެފިއެވެ.

އޮޑިޓާ ޖެނެރަލް އޮފީހުން އާންމު ކުރި ހދ. ފިނޭ ކައުންސިލް އިދާރާގެ 2022 ވަނަ އަހަރުގެ މާލީ އޮޑިޓް ރިޕޯޓުގައި ބަޔާން ކޮށްފައިވާ ގޮތުގައި، ޑިސެމްބަރު 31، 2022 އަށް ނިންމާފައިވާ މާލީ އަހަރުގެ މާލީ ބަޔާނުގައި ހިމަނާފައިވާ އަދަދުތަކާއި، ކައުންސިލް އިދާރާގެ ހިސާބުތަކުން ދައްކާ އަދަދުތަކާ ދެމެދު ބޮޑު ފަރަގެއް ވެއެވެ.

އެ އަހަރު އެ ކައުންސިލަށް ފައިސާ ލިބުނު ފައިސާގެ ގޮތުގައި މާލީ ބަޔާނުގައި ޖުމްލަ 5.69 މިލިއަން ރުފިޔާ ހިމަނާފައި ވީ ނަމަވެސް އެ އިދާރާގެ ހިސާބުތަކުން، ވިޔަ މޮޑިއުލްއިން ދައްކަނީ އެ އަހަރު ލިބުނީ 274،554 ރުފިޔާ ކަމަށް އޮޑިޓް ރިޕޯޓްގައި ބުނެފައި ވެއެވެ.

އެހެންކަމުން ކައުންސިލް އިދާރާއަށް ޖުމްލަ އާމްދަނި ގޮތުގައި ލިބުނު ކަމަށް ހިމަނާފައިވާ އަދަދު އެ އިދާރާގެ ހިސާބުތަކުން ދައްކާ އަދަދަށް ވުރެ 5.42 މިލިއަން ރުފިޔާ އިތުރުވެއެވެ. މި ފަރަގު އައި ގޮތް ދެނެގަނެ ރީކޮންސައިލް ކޮށްފައި ނުވުމުން މާލީ ބަޔާނުގައި ހިމަނާފައިވާ އަދަދަކީ ސައްހަ އަދަދެއްކަން ކަށަވަރުވެފައި ނުވާ ކަމަށް އޮޑިޓް ރިޕޯޓްގައި ބުނެފައި ވެއެވެ.

ލިބުނު އާމްދަނީގައި މިހާ ބޮޑު ފަރަގެއް އޮތް އިރު އެ ކައުންސިލުން އެ އަހަރު ކުރި ހަރަދުގައި ވެސް ފަރަގެއް ހުރި ކަން އޮޑިޓް ރިޕޯޓުގައި ވަނީ ފާހަގަކޮށްފައެވެ. އެގޮތުން މާލީ ބަޔާނުގައި އެ އަހަރު ކުރި ޖުމްލަ ހަރަދުގެ ގޮތުގައި ބަޔާން ކޮށްފައިވާ އަދަދަކީ 5.09 މިލިއަން ރުފިޔާއެވެ. ނަމަވެސް އެ އަހަރުގެ އެ އިދާރާގެ ހިސާބުތަކުން ވިޔަ މޮޑިއުލް އިން ދައްކާ ގޮތުގައި އެ އަހަރުގެ ޖުމަލް ހަރަދަށް ހިންގާފައި ވަނީ 5.01 މިލިއަން ރުފިޔާއެވެ.

އެހެންކަމުން މާލީ ބަޔާނާއި އެ އިދާރާގެ ހިސާބުތަކުން ދައްކާ އަދަދުގެ މެދުގައި 79،105 ރުފިޔާގެ ފަރަގެއް ވަނީ ފާހަގަވެފައި ކަމަށް އޮޑިޓް ރިޕޯޓުގައި ބުނެފައި ވެއެވެ. މި ފަރަގު އައި ގޮތް ވެސް ދެނެގަނެ ރީކޮންސައިލް ކޮށްފައި ނުވުމުން މާލީ ބަޔާނުގައި ހިމަނާފައިވާ އަދަދަކީ ސައްހަ އަދަދެއްކަން ކަށަވަރުވެފައި ނުވާ ކަމަށް އޮޑިޓް ރިޕޯޓްގައި ބުނެފައި ވެއެވެ.

ހަމައެއާއެކު އެ އަހަރު ނިމުނު އިރު ހުރި ފައިސާގެ ގޮތުގައި މާލީ ބަޔާނުގައި ހިމަނާފައިވާ އަދަދާއި ކައުންސިލް އިދާރާގެ ލިޔެކިޔުންތަކުން ފައިސާ ހުރި އަދަދު ދައްކާ އަދަދު ތަފާތު ކަމަށް އޮޑިޓް ރިޕޯޓްގައި ވަނީ ފާހަގަ ކޮށްފައެވެ. އެ ގޮތުން މާލީ ބަޔާނުން ދައްކާ ގޮތުގައި 2022 ގެ ނިޔަލަށް އެ ކައުންސިލްގައި ހުރި ފައިސާ އާއި ފައިސާގެ ގޮތުގައި ބެލެވޭ ތަކެތީގެ އަދަދަކީ 2.04 މިލިއަން ރުފިޔާއެވެ. ނަމަވެސް އެ ކައުންސިލްގެ ލިޔެކިޔުންތަކުން ފެންނަ ގޮތުގައި އެ ކައުންސިލްގައި ހުރި ފައިސާ އާއި ފައިސާގެ ގޮތުގައި ބެލެވޭ ތަކެތީގެ އަދަދީ 1.93 މިލިއަން ރުފިޔާއެވެ. ފަރަގެއްގެ ގޮތުގައި 103،093 ރުފިޔާ މާލީ ބަޔާނުން އިތުރަށް ދައްކާ ކަމަށް އޮޑިޓް ރިޕޯޓްގައި ފާހަގަކޮށްފައި ވެއެވެ.

މީގެ އިތުރުން ވެސް އެ ފިނޭ ކައުންސިލްގެ 2022 ވަނަ އަހަރުގެ އޮޑީޓް ރިޕޯޓުގައި އިތުރު މައްސަލަތައް ހުރި ކަމަށް ވަނީ ފާހަގަ ކޮށްފައެވެ. އޭގެތެރޭގައި ފާސްކުރެވުނު ބަޖެޓާއި އެ ބަޖެޓުން ހޭދަކުރި ގޮތުގެ ބަޔާނުގައިވާ ފާސްކުރި ބަޖެޓު، ރިވައިޒްކުރި ބަޖެޓް އަދި ހިނގި ހަރަދުގެ ގޮތުގައި ހިމަނާފައިވާ އަދަދާއި ތަނުގެ ރިކޯޑްތަކާ ދިމާ ނުވެއެވެ. ވިޔަފާރި ހަރަކާތުގެ ރިވައިޒްކުރި ބަޖެޓްގެ ގޮތުގައި މާލީ ބަޔާނުގައި ހިމަނާފައިވާ އަދަދު ސައްހަ ނުވުމާއި، ފާއިތުވީ އަހަރުގެ ހިސާބުތައް މާލީ ބަޔާނުގައި ހިމަނާފައި ނުވެއެވެ.