އުމުރުން 18 އަހަރުގެ ފިރިހެނަކު ގެއްލިގެން ހޯދަން ފަށައިފިއެވެ.

ގެއްލިގެން ހޯދަމުން ދަނީ ހ. ބްލޫސްކޫޕް (މިހާރު އުޅޭ އެޑްރެސް ހ. ބްލޫޑްރީމް) ހުސައިން ޒިހާންއެވެ.

ފުލުހުން ބުނީ ޒިހާން އާއިލާއަށް ހަބަރެއްނުވެ ގެއްލިފައިވާ ކަމަށް ރިޕޯޓުކޮށްފައިވާތީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި އޭނާ އެންމެ ފަހުން ފެނިފައި ވަނީ މި މަހުގެ 21 ވަނަ ދުވަހު ދިރިއުޅޭ ގެއިން ކަމަށް އާއިލާއާ ހަވާލާދީ ފުލުހުން ބުނެފައި ވެއެވެ.

ޒިހާންގެ އެއްވެސް މައުލޫމާތެއް ލިބިފައިވާ ފަރާތެއް ވާނަމަ ފުލުހުންގެ ހޮޓްލައިން 3322111 އަށް ނުވަތަ ހެންވޭރު ޕޮލިސް ސްޓޭޝަންގެ ނަންބަރު 9400053 އަށް ގުޅައި މައުލޫމާތު ހިއްސާ ކުރުމަށް ފުލުހުން އެދެއެވެ.

ރާއްޖޭގައި ފަހަކަށް އައިސް މީހުން ވީނުވީއެއް ނޭނގި ގެއްލުމުގެ މައްސަލަ ދަނީ އިތުރުވަމުންނެވެ. މިގޮތަށް ގެއްލިގެން ހޯދަން އިއުލާން ކުރާ ގިނަ ބަޔަކު މަދު ވަގުތުކޮޅެއްގެ ތެރޭގައި ފެނުނު ނަމަވެސް އެފަދައިން ގެއްލޭ މީހުން ހޯދަން ގިނަ ދުވަސްތަކެއް ހޭދަ ކުރި ނަމަވެސް ބައެއް މީހުން ވީނުވީ ނޭނގިފައިވެސް އެބަ ހުއްޓެވެ.

އެގޮތުން މި މަހުގެ 20 ވަނަ ދުވަހުވެސް އުމުރުން 14 އަހަރުގެ ކުއްޖެއް ގެއްލިގެން ފުލުހުން ވަނީ ހޯދާފައެވެ. އަދި ދާދިފަހުން ގދ، ފިޔޯރިން ގެއްލުނު ކުޑަ ކުއްޖެއް ފުލުހުންނާއި އެ ރަށު ކައުންސިލުގެ އިތުރުން ރައްޔިތުން ކުރި މަސައްކަތުން ވަނީ ހޯދާފައެވެ. އެ ކުއްޖާ ފެނިފައިވަނީ ގެ އާއި މާ ދުރުނޫން ހިސާބެއްގައި ހުންނަ ފަޅު ގެއެއްގެ ތެރެއިންނެވެ.

އަދި ޏ. ފުވައްމުލަކަށް ނިސްބަތްވާ އުމުރުން 24 އަހަރުގެ އަހްމަދު އިޔާޒް ވަސީމް، ހޯދުމުގެ މަސައްކަތް ވެސް މި މަހުގެ 21 ވަނަ ދުވަހުން ފެށިގެން ފުލުހުން ދަނީ ކުރަމުންނެވެ. މިހާތަނަށް އޭނާ ފެނިފައިވާ ކަމަށް ފުލުހުން ބުނެފައި ވެއެވެ.