މަސްވެރިންނަށް ލިބެންޖެހޭ ފައިސާ ނުލިބި، އައްޑޫ ސިޓީގައި މަސްވެރިން ކުރަމުން ދާ މުޒާހަރާ އާއި ގުޅިގެން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ކުއްލި މައްސަލަ ކުރިއަށް ގެންދެވެން ނެތްކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއް ރަހީމް ވިދާޅުވެއްޖެއެވެ.
މިއަދުގެ ޖަލްސާއަށް ކުއްލި މައްސަލަ ހުށަހެޅީ އެމްޑީޕީއަށް ނިސްބަތްވެވަޑައިގަންނަވާ މަރަދޫ ދާއިރާގެ މެންބަރު އަހްމަދު ދީދީއެވެ. އެހެންނަމަވެސް މިއަދު ގެ ޖަލްސާ ފެށުނު އިރުވެސް މަޖިލީހުގެ ތަޅުމަށް އަހްމަދު ދީދީ ހާޒިރުވެފައެއް ނުވެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ފައްޓަވައި ވާހަކަ ދައްކަވަމުން މަޖިލީހުގެ ރައީސް ވިދާޅުވީ، މަރަދޫ ދާއިރާގެ މެންބަރު އަހުމަދުދީދީ ހުށަހަޅުއްވާފައިވާ ކުއްލި މައްސަލައެއް މަޖިލީހަށް ލިބިފައިވާ ކަމަށެވެ. އަދި ކުއްލި މައްސަލަ ހުށަހެޅުމުގެ ފުރުސަތު މެންބަރަށް އެރުވި ނަމަވެސް މެންބަރު ތަޅުމަށް ހާޒިރުވެ ނެތުމުން މި ވަގުތު ކުއްލި މައްސަލަ ކުރިއަށް ގެންދެވެން ނެތް ކަމަށް އަބްދުއްރަހީމް ވަނީ ވިދާޅުވެފައެވެ.
އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕުން ރައްުޔިތުންގެ މަޖިލީހުގެ އިދާރާގައި އިއްޔެ ބޭއްވި ބައްދަލުވުމުގައި ބުނެފައިވަނީ މަސްވެރިނަށް ބާނާ މަހަށް ފައިސާ ނުލިބުމުގެ މައްސަލައަށް ހައްލު ހޯދައި ދިނުމަށް މަޖިލީހުގެ ތެރެއިން ކުރެވެން ހުރިހާ ކަމެއް ކުރާނެ ކަމަށާއި އެ މައްސަލަ މަޖިލީހަށް ހުށަހަޅާނެ ކަމަށެވެ.
ސަރުކާރު ކުންފުނި މިފްކޯއިން މަސްވެރިން އަތުން މަސް ގަތުމަށްފަހު ފައިސާ ނުދޭ މައްސަލަ އާއި ގުޅިގެން އައްޑޫ ސިޓީގައި މިހާރު ވެސް މަސްވެރިން އަންނަނީ މުޒާހަރާ ކުރަމުންނެވެ.