މި ސަރުކާރުން ތެލާއި އައިސްގެ ސަބްސިޑީ ހިމެނޭހެން ޖުމްލަ 933 މިލިއަން ރުފިޔާ މަސްވެރިންނަށް ދީފައި ވާކަމަށް ފިޝަރީސް މިނިސްޓަރު އަހްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
ރޭ 'ޕީއެންސީ ހައުސް' ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ޝިޔާމް ވިދާޅުވީ ސަރުކާރުން އެންމެ އިސްކަމެއް ދީގެން މިހާރު ކުރަމުންދާ އެއް މަސައްކަތަކީ މަސްވެރިންނަށް ނުދެވި ހުރި ފައިސާ ދިނުމުގެ މަސައްކަތް ކަމަށެވެ. އަދި މި ހަފުތާގައިވެސް އެ މަސައްކަތް ކުރިއަށްދާނެކަމަށް ޝިޔާމް ވިދާޅުވިއެވެ.
ކުރީ ސަރުކާރުން މަސްވެރިކަމުގެ ސިޔާސަތު ގެންގުޅުނު ގޮތާއި ގުޅޭ ގޮތުން ޝިޔާމް ވިދާޅުވީ ނިމިދިޔަ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ވެރިކަމުގައި ތިބެގެން ގިނަ އަދަދެއްގެ ފައިސާ ޗާޕުކޮށްގެން ވެސް މަސްވެރިންނަށް އެންމެ ފައިސާ ފޮއްޗެއް ވެސް ދީފައި ނުވާކަމަށެވެ.
މީގެ އިތުރުން ޝިޔާމް ވިދާޅުވީ ކުރީ ސަރުކާރުގެ ވެރިކަމުގެ ފުރަތަމަ ދުވަސްކޮޅު ކަޅުބިލަ މަހުގެ ކިލޯއެއް ހުރި 16 ރުފިޔާއަށް ކަމަށެވެ. އެހެން ނަމަވެސް 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހަބާ ކައިރިވެފައި ވަނި މަސް ކިލޯއެއްގެ އަގު 25 ރުފިޔާއަށް ހެދި ކަމަށެވެ. އަދި އެދުވަހުން ފެށިގެން ވެރިކަން ނިމުމާއި ހަމައަށް ވެސް މަސްވެރިންނަށް ފައިސާ ނުދޭކަމަށް ޝިޔާމް ވިދާޅުވިއެވެ. އިތުރަށް ޝިޔާމް ވިދާޅުވީ ގެއްލުމުގައި މަސް ގަތުމުގެ ސަބަބުން މިއަހަރުގެ ފުރަތަމަ ކުއާޓަރާ ހަމައަށް މިފްކޯއަށް 1.6 ބިލިއަން ރުފިޔާގެ ގެއްލުން ވެފައިވާކަމަށެވެ.
މަސް ގަތުމަށްޓަކައި ދައުލަތުން ސަބްސިޑީގެ ގޮތުގައި މިހާތަނަށް 270 މިލިއަން ރުފިޔާ މިފްކޯއަށް ދީފައިވާކަން ފާހަގަކުރައްވަމުން ޝިޔާމް ވިދާޅުވީ ތެލާއި އައިސްގެ ސަބްސިޑީ ހިމެނޭހެން ޖުމްލަ 933 މިލިއަން ރުފިޔާ މަސްވެރިންނަށް ދީފައިވާކަމަށެވެ.
މަސްވެރިންނަށް ދޭންޖެހޭ ފައިސާ ނުލިބުމާއި ގުޅިގެން އައްޑޫ ފިޝަރީސް ކޮމްޕްލެކްސްގައި ކުރިއަށް ދާ މުޒާހަރާއަށް އިޝާރަތްކުރައްވަމުން ޝިޔާމް ވިދާޅުވީ މި ސަރުކާރުން މަސްވެރިންނަށް ފިލައިގެން ނޫޅޭނެ ކަމަށެވެ. އަދި މަސްވެރިން އިހުތިޖާޖު ކުރުމުން ސަރުކާރުން އެކަމާއި ނުރުހުން ފާޅު ނުކުރައްވާނެ ކަމަށް ޝިޔާމް ވިދާޅުވިއެވެ. އެހެންނަމަވެސް ދައުލަތާއި ރައްޔިތުންގެ މުދަލަށް ގެއްލުންވާ ގޮތަށް ކަންތައްތައް ކުރުމުގެ ފުރުސަތު ނުދޭނެކަމަށް ޝިޔާމް ވިދާޅުވިއެވެ.
މީގެ އިތުރުން ޝިޔާމް ވިދާޅުވީ ސަރުކާރުން މަސްވެރިކަމުގެ ސިނާއަތް ކުރިއެރުވުމަށް ކުރަމުން އަންނަ މަސައްކަތުގެ ނަތީޖާ ދޮޅު އަހަރު ދުވަހުގެ ތެރޭގައި ފެނި، މަސްވެރިންނަށް އުފާވެރި ދުވަސްތަކެއް އަންނާނެކަމަށެވެ.
ތިޔަހުރިހައި އެއްޗެހި ބަހާއިރު ދަނޑުވެރިންނަށް ދިނީ ކޮންއެއްޗެއް