ރަސްމީ ދަތުރުފުޅެއްގައި ރާއްޖޭގެ ފޮރިން މިނިސްޓަރު އެމެރިކާއަށް ފުރާވަޑައިގެންފިއެވެ.

ފޮރިން މިނިސްޓްރީން މައުލޫމާތު ދިން ގޮތުގައި މިނިސްޓަރުގެ މި ދަތުރުފުޅަކީ ރާއްޖެ އާއި އެމެރިކާގެ ގުޅުން އިތުރަށް ހަރުދަނާ ކުރުމަށް އަންނަ ބުރާސްފަތި ދުވަހުގެ ނިޔަލަށް ކުރައްވާ ދަތުރުފުޅެކެވެ.

މި ދަތުރުފުޅުގައި އެމެރިކާ ސަރުކާރުގެ އިތުރުން އދ ގެ އިސްބޭފުޅުންނާ ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް އެތަނީ ބްލިންކެންގެ އިތުރުން އެ ގައުމުގެ ސަރުކާރުގެ އިސް އޮފިޝަލުންނާ މިނިސްޓަރު ބައްދަލު ކުރެއްވާނެއެވެ.

އަދި ވޮޝިންގްޓަންގެ ދަތުރުގެ ތެރެއިން ކައުންސިލް އޮފް ފޮރިން ރިލޭޝަންސްގެ މަޝްވަރާ ބައްދަލުވުމެއްގެ އިތުރުން، އެ ސިޓީގައި ދިރިއުޅޭ ދިވެހިންނާ ޒަމީރު ބައްދަލު ކުރައްވާނެ ކަމަށް ފޮރިން މިނިސްޓްރީން މައުލޫމާތު ދިނެވެ. އަދި އެމަނިކުފާނު ނިއުޔޯކަށް ވަޑައިގެން އދ. ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓެރެސް އާއި އެ ޖަމިއްޔާގެ ބައެއް އިސް ވެރިންނާ ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފަ އެވެ.

މީގެ އިތުރުން ރާއްޖޭގެ ޓޫރިޒަމް ފުޅާކުރުމާ ގުޅޭގޮތުން އެ ސިޓީގެ އިސް ޓުއާ އޮޕަރޭޓަރުންނާއި ޓްރެވަލް އެޑްވައިޒަރުންނާވެސް މިނިސްޓަރު ބައްދަލުކުރައްވާނެ ކަމަށް މިނިސްޓްރީން ބުންޏެވެ. އަދި ނިއުޔޯކް އާއި ނިއުޖާޒީގައި ދިރިއުޅޭ ދިވެހި ރައްޔިތުންނާ ޒަމީރު ބައްދަލު ކުރައްވާނެއެވެ.

ޒަމީރުގެ މި ދަތުރުފުޅުގައި އެމަނިކުފާނުގެ އަރިހުގައި ސެކްރެޓަރީ ބައިލެޓަރަލް ޑރ. ހާލާ ހަމީދު އާއި ސީނިއާ އަންޑާ ސެކްރެޓަރީ ހަސަން ހުސެއިން ޝިހާބް ބައިވެރިވެވަޑައިގަންނަވާނެއެވެ.

ދެ ގައުމުގެ ގުޅުން އިތުރަށް ހަރުދަނާ ކުރުމަށް މީގެ ކުރިންވެސް ދެ ގައުމުގެ އިސްވެރިން ބައްދަލު ކުރައްވާ މުހިންމު މަޝްވަރާތަކެއް ކުރައްވާފައި ވެއެވެ. މި ބައްދަލުވުންތަކުގައި ރާއްޖޭގެ ކަނޑުގެ ސަރަހައްދު ބެލެހެއްޓުމަށް އުޅަނދުތަކެއް ހަދިޔާ ކުރުމުގެ އިތުރުން އެމެރިކާގެ ފެޑެރަލް ސަރުކާރުގެ ދަށުން ހިންގާ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަނުން ރާއްޖޭގައި އިންވެސްޓު ކުރުމުގެ މަޝްވަރާތައް ހިމެނެއެވެ.