މުހައްމަދު ޖަމީލް ދީދީ މިސްކިތް ނުވަތަ ފައިފުހޭ މިސްކިތުގެ ތަޅުގައި ބަޔަކު އަލިފާން ރޯކޮށްލަން އުޅެފިއެވެ.

މާލެ ސިޓީ ކައުންސިލުން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ އެ މިސްކިތުގެ ތަޅުގައި ރޯކޮށްލައިގެން ހަލާކުކޮށްލައި މިސްކިތަށް ވަންނަން މަސައްކަތް ކޮށްފގައި ހުރި ކަމަށެވެ.

މީގެ އިތުރުން ބުނެފައި ވަނީ މިސްކިތްތަކުން ވައްކަންކޮށް ތަކެއްޗަށް ގެއްލުންދީ، މިސްކިތްތަކުގެ ކަރާމާތަށް ގެއްލުން ދިނުމަށް މަސައްކަތް ކުރާ ފަރާތްތަކާމެދު ހަރުކަށި ފިޔަވަޅު އަޅަން ޖެހޭނެ ކަމަށެވެ.

މާލޭގެ މިސްކިތްތަކުން ވައްކަން ކޮށްގެން 21 މައްސަލައެއް މި އަހަރުގެ މިހާތަނަށް ހުށަހަޅާފައި ވާކަމަށް ފުލުހުން ވަނީ ބުނެފައެވެ.

އަދި މި މައްސަލަތަކުގައި ހިމެނޭ 6 ފަންކާ، 2 ފޯނު އަދި ފެންމޯޓަރެއް ހޯދާ ހަވާލުކޮށްފައިވާ ކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ.

މިސްކިތްތަކުން ވައްކަން ކުރާ މައްސަލައަކީ ބޮޑުވެފައިވާ މައްސަލައަކަށް ވެފައި ވާއިރު، މިދިޔަ މާޗު މަހުގެ ތެރޭގައި ތިން ރޭ މަތިން ތަގްވާ މިސްކިތުން 7 ފަންކާވެސް ވަނީ ވަގަށް ނަގާފައެވެ.

މި މައްސަލައާއި ގުޅިގެން ފަންކާ ވަގަށް ނެގި ކަމަށް ތުހުމަތު ކުރެވޭ މީހަކު އޭރު ބަންދު ކޮށް ހައްޔަރުވެސް ކުރިއެވެ.