ހުޅުމާލޭގައި ހިންގި މާރާމާރީއެއް ހުއްޓުވަން ދިޔަ ފުލުހެއްގެ ގައިގާ ކާރުން ޖެއްސުމަށް ފަހު ފިލި މައްސަލައާއި ގުޅިގެން އިއްޔެ ހައްޔަރުކުރި މީހާގެ ބަންދަށް 10 ދުވަސްޖަހައިފިއެވެ.

ފުލުހުން ބުނީ މި މައްސަލައާއި ގުޅިގެން އިއްޔެ ހައްޔަރު ކޮށްފައި ވަނީ 22 އަހަރުގެ މީހެއްކަމަށެވެ. އަދި އޭނާގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ބަންދަށް 10 ދުވަސް ޖަހާފައިވާއިރު، މި މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.

މި މަހުގެ 15 ވަނަ ދުވަހުގެ ފަތިހު ހުޅުމާލެ ފިލިގަސް މަގުގައި މާރާމާރީއެއް ހިނގާކަމުގެ މައުލޫމާތު ފުލުހުންނަށް ލިބިގެން އެ ސަރަހައްދަށް ދިއުމުން މާރާމާރީ ހިންގި މީހާ އެ ހިސާބުގައި އޮތް ކާރަކަށް އަރާ، ފިލުމަށް މަސައްކަތްކޮށްފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ. ފުލުހުން ބުނީ އެ ކާރު ހުއްޓުވަން މަސައްކަތް ކުރުމުން ފުލުހެއްގެ ގައިގައި ކާރުން ޖެއްސުމަށްފަހު އެމީހާ ފިލާފައިވާ ކަމަށެވެ.

އެ މައްސަލައާއި ގުޅިގެން ހޯދަމުން ދިޔަ ދެ މީހުންގެ ތެރެއިން އެކަކު މިދިޔަ ހަފްތާގައި ހައްޔަރުކޮށްފައިވާއިރު އޭނާގެ ބަންދަށް ކްރިމިނަލް ކޯޓުން ވަނީ 15 ދުވަހުގެ މުއްދަތެއް ޖަހައިފައެވެ. ފުލުހުން ބުނީ މި މާރާމާރީގައި އަނިޔާވި މީހާ އާއި ފުލުސް މީހާއަށްވެސް ހުޅުމާލެ ހޮސްޕިޓަލުގައި ފަރުވާ ދިނުމަށްފަހު ދޫކޮށްލާފައިވާ ކަމަށެވެ.