މި އަހަރުގެ ޒުވާނުންގެ އެވޯޑަށް ނަން ހުށަހެޅުމުގެ ފުރުސަތު ޔޫތު މިނިސްޓްރީން ހުޅުވާލައިފިއެވެ.

ޒުވާނުންގެ އެވޯޑަކީ ތަފާތު އެކި ދާއިރާތަކުން ގައުމުގެ ތަރައްގީ އަށް ޒުވާނުންކުރާ އަގުހުރި މަސައްކަތްތައް ފާހަގަކޮށް ހިތްވަރު ދިނުމުގެ ގޮތުން ދޭ އެވޯޑެކެވެ.

އަދި މިއީ ގައުމުގެ ތަރައްގީގައި ޒުވާނުން އަދާކުރާ މުހިންމު ދައުރު ފާހަގަކޮށް ޒުވާނުންނަކީ މުޖުތަމައަށް ފައިދާ ހުރި، އުފެއްދުންތެރި، ޒިންމާދާރު ބަޔަކަށް ހެދުމަށް ބާރުއަޅައި، ވާގި ދިނުމުގެ ގޮތުން ދޭ އެވޯޑެކެވެ.

ޔޫތް މިނިސްޓްރީން ކުރި އިއުލާނެއްގައި ބުނީ، އިނާމަށް ފޯމު ހުށަހެޅޭނީ އަންނަ މަހުގެ 4 ވަނަ ދުވަހުގެ 13:00ގެ ނިޔަލަށެވެ. އެޕްލިކޭޝަން ހުށަހަޅާނީ ގޫގުލް ލިންކް ނުވަތަ މިނިސްޓްރީ އޮފް ޔޫތު އެމްޕަވާމަންޓް، އިންފޮމޭޝަން އެންޑް އާޓްސް (ސޯޝަލް ސެންޓާ) އިންނެވެ.

އެޕްލިކޭޝަން ބަލައިގަތުން ހަމަޖެހިފައި ވަނީ ސަރުކާރު ބަންދު ނޫން ކޮންމެ ދުވަހަކު ހެނދުނު 8:30 އިން މެންދުރު 13:30 އަށެވެ. ރަށްރަށުން ނަމަ އެޕްލިކޭޝަން ހުށަހަޅާ ފަރާތްތަކުން މިނިސްޓްރީގެ މެއިލް [email protected] މެދުވެރިކޮށް އެޕްލިކޭޝަން ހުށަހެޅުމަށް ވަނީ އެދިފަ އެވެ.

މިއަހަރު ޒުވާނުންގެ އެވޯޑު ދިނުމަށް ކަނޑައަޅާފައިވާ ދާއިރާތައް:

  1. ވިޔަފާރި އާއި އިގްތިސާދު
  2. އާޓްސް އެންޑް ކަލްޗާ - ފަންނުވެރިކަމާއި ސަގާފަތްދިރުވުން
  3. މަސްތުވާ ތަކެއްޗާއި ދެކޮޅަށް މަސައްކަތްކުރުން
  4. ދަރުމަވެރިކަން
  5. ވޮކޭޝަނަލް ޓްރެއިނިން - ފަސްކޮށްދިނުން
  6. ނަފްސާނީ ގޮތުން ދުޅަހެޔޮ ސިއްހަތެއް ބިނާކުރުމަށް މަސައްކަތްކުރުން
  7. ތިމާވެށި ހިމާޔަތް ކުރުމަށް މަސައްކަތް ކުރުން
  8. މަސްވެރިކަމުގެ ދާއިރާ
  9. ދަނޑުވެރިކަމުގެ ދާއިރާ
  10. މިންތީގެ ހަމަހަމަކަން ގާއިމުކުރުމަށް މަސައްކަތް ކުރުން
  11. ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް ބާރުވެރިކުރުމަށް މަސައްކަތް ކުރުން
  12. ޒުވާނުންގެ ބާރުވެރިކަން އިތުރުކުރުމަށް މަސައްކަތްކުރުން
  13. ހަށިހެޔޮ ދުޅަހެޔޮ ސިއްހަތެއް ބިނާކުރުމަށް މަސައްކަތްކުރުން
  14. ދިވެހިބަސް ދިރުވުމަށް މަސައްކަތް ކުރުން
  15. ކުޅިވަރުގެ ދާއިރާއިން - ކުޅިވަރުގެ ދާއިރާއިން އާދަޔާ ހިލާފު ހުނަރެއް ދައްކާފައިވާ ފަރާތަކަށް
  16. ފަންނިއްޔާތުގެ ދާއިރާ
  17. ޝަހީދު ޖަވާދު އުމަރުގެ ހަނދާނީ ފިލާ

ޒުވާނުންގެ އެވޯޑު ލިބޭ ފަރާތްތަކަށް އިނާމުގެ ގޮތުގައި ޒުވާނުންނަށް ދެވޭ ހާއްސަ އެވޯޑާއި އަދި ސެޓްފިކެޓް ލިބިގެންދާނެ ކަމަށް ޔޫތް މިނިސްޓްރީން ބުނެއެވެ.