ވިނަރެސް ފްލެޓުތަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށް ބުނެ ސައްހަ ނޫން މެސެޖުތަކެއް ދައުރު ކުރަމުންދާތީ އެކަމަށް ސަމާލުވުމަށް ފުލުހުން އެދިއްޖެއެވެ.
ފުލުހުން ބުނީ ވިނަރެސް ފްލެޓްތަކަށް ރާއްޖޭގެ ކޮންމެ ރައްޔިތަކަށްވެސް އެޕްލައި ކުރުމުގެ ފުރުސަތު އެޗްޑީސީ އިން ހުޅުވާލާފައިވާ ކަމަށްބުނެ މެސެޖުތަކެއް ދައުރު ކުރަމުންދާ ކަމަށެވެ.
އަދި އެކަމާ ގުޅޭ އިތުރު މައުލޫމާތު ވެބްސައިޓުން ލިބޭނެކަމަށް ބުނެ ލިންކެއް ހިމެނާފައިވާ ނަމަވެސް އެއީ ސައްހަ މެސެޖެއް ނޫން ކަމަށް ފުލުހުން ވަނީ ބުނެފައެވެ. އަދި މިފަދަ ލިންކްތައް މެދުވެރިކޮށް ފޭސްބުކް އަދި އިންސްޓަގްރާމް ފަދަ ސޯޝަލް މީޑިއާގެ އެކި ޕްލެޓްފޯމްތައް ހެކްކޮށް ފްރެންޑް ލިސްޓުގައި ހިމެނޭ ފަރާތްތަކުގެ އަތުން ފައިސާ ހޯދަމުންދާތީ އެކަމަށް ސަމަލުވުމަށް ފުލުހުން ވަނީ އިލްތިމާސް ކޮށްފައެވެ.
މަކަރާއި ހީލަތުން މީހުންގެ އަތުން ފައިސާ އާއި މުދާ ހޯދާ މިންވަރު ރާއްޖޭގައި އިތުރުވެފައިވާއިރު އެކި ލިންކްތައް ހިމެނޭ މެސެޖުތަކުގެ އިތުރުން ކޯލްތަކާ މެދު ސަމާލުވުމަށް ފުލުހުން ދަނީ އެދެމުންނެވެ.
ހަމައެހެންމެ މިކަމަށް އާންމުން ހޭލުންތެރި ކުރުމަށް ފުލުހުން ދަނީ އެކި އެކި ޕްރޮގްރާމްތައް ހިންގަމުންނެވެ. އެގޮތުން އެފަދަ ސްކޭމްތަކުން ރައްކާތެރިވުމަށްޓަކައި ކުރެވޭނެ އެންމެ މުހިންމު އެއްކަމަކީ ފައިސާ ފޮނުވުމުގެ ކުރިން ފައިސާ ފޮނުވެނީ ކޮން ފަރާތަކަށް ޔަގީން ކުރުމަށް ފުލުހުން ދަނީ އިލްތިމާސް ކުރަމުންނެވެ.