މީގެ ކުރިން އެމްޑީޕީ އާއި ޑިމޮކްރަޓްސްއިން ހަރުގެ ހިންގި ހ. ވެޔޮވިލާގައި ޕީއެންސީގެ ޖަގަހަ ހުޅުވާކަން އެ ޕާޓީން އިއުލާން ކޮށްފިއެވެ.

ޒަމާނުއްސުރެ އެމްޑީޕީގެ ބޭނުންތަކަށް އާޓިފިޝަލް ބީޗް ސަރަހައްދުގައި ހުންނަ އެ ހަރުގެ ބޭނުން ކުރި ނަމަވެސް 2023 ވަނަ އަހަރު އެ ތަނުގައި ވަނީ ޑިމޮކްރެޓްސްގެ ހަރުގެ ހިންގާފައެވެ. ހަރުގެ ހުންނަ އިމާރާތުގެ ވެރިޔާ، ޝަފިއްޔާ ޒުބައިރަކީވެސް އެމްޑީޕީގައި ގިނަ ދުވަސްތަކެއް ވަންދެން އިސްކޮށް އުޅުނު މީހެކެވެ. ނަމަވެސް އެމްޑީޕީ ބައިބައިވެ، އުފެއްދި ދަ ޑިމޮކްރެޓްސްގެ މެންބަރެއްގެ ގޮތުގައި މަސައްކަތް ކުރަމުން ދިޔައިރު އެ ހަރުގެ އެމްޑީޕީ އަތުން ހޯދުމަށް އޭނާ ސިވިލް ކޯޓަށްވެސް ދިޔައެވެ.

މައްސަލަ ކޯޓުގައި އޮއްވާ ޑިމޮކްރެޓުން ވަނީ އެތަނުގެ ތަޅު ހަލާކުކޮށްލައިގެން ވަދެ ހަރުގެ ހަދާފައެވެ.

ދުވަސްކޮޅަކަށް ފަހު، ނިމިދިޔަ ރިޔާސީ އިންތިހާބާ ހަމައިން ޝަފިއްޔާގެ ރާގު ބަދަލުވެ ޕީއެންސީ އަށް ތާއީދުކޮށް ކެމްޕެއިންތަކުގައި ވެސް ވާހަކަ ދައްކާފައި ވެއެވެ. އެ އިންތިހާބުގައި ޑިމޮކްރެޓަށް ލިބުނު ދެރަޔާއެކު ހަރުގެ ހުއްޓުމަކަށް އައިސްފައި ވަނިކޮށް ޝަފިއްޔާ ވަނީ އެތަން ޕީއެންސީއަށް ދީފައެވެ.

ޕީއެންސީގެ ޖަގަހަ ހުޅުވުމާ ގުޅޭ އެންމެ ފަހުގެ މައުލޫމާތު ހިއްސާ ކުރަމުން އެ ޕާޓީން ބުނީ، ޖަގަހަ ހުޅުވުމުގެ ރަސްމިއްޔާތު ހޮނިހިރު ދުވަހުގެ ރޭ 20:30ގައި ހ. ވެޔޮވިލާ (އާޓިފިޝަލް ބީޗް ކުރިމަތީ) އޮންނާނެ ކަމަށެވެ.

އަދި ޖަގަހަ ހުޅުއްވައި ދެއްވާނީ ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ލީޑަރު އަދި ޕީއެންސީގެ ރައީސް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ކަމަށްވެސް އެ ޕާޓީން ވަނީ ބުނެފައެވެ.

އެ ހަރުގެ ޕީއެންސީގެ ޕޯސްޓަރުތަކުން ޒީނަތްތެރި ކޮށްފައި ވާއިރު އެ ޕާޓީން އެ ހަރުގެ ކުއްޔަށް ނަގާފައި ވަނީ ފަސް އަހަރުގެ މުއްދަތަކަށް ކަމަށް މައުލޫމާތު ލިބެއެވެ.