އެމްޑީޕީއިން ކުރިއަށް ގެންދިޔަ ހަރަކާތެއްގެ ތެރެއިން އެ ޕާޓީގެ ދުވަސްވީ އެކްޓިވިސްޓު އަދި އެމްޑީޕއަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީޅް އަހްމަދު ނަސީމްގެ މަންމަ، މަރިޔަމް ޒުބެއިރު (މަންދީ) ދެއްކި ވާހަކައާ ގުޅިގެން ފިޔަވަޅު އެޅުމަށް ޕީއެންސީއިން ގޮވާލައިފިއެވެ.

ރާއްޖޭގެ ފަސްޓް ލޭޑީ މެޑަމް ސާޖިދާ މުހައްމަދަށް އަދި ދަރިކަލުންނަށް ނިސްބަތްކޮށް މިދިޔަ ބުދަ ދުވަހުގެރޭ މަންދި ދެއްކި ވާހަކަ އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކޮށް ޕީއެންސީއިން ވަނީ ބަޔާނެއް ނެރެފައެވެ.

ރައީސް ދިވެހިރާއްޖޭގައި ވޭޕް މަނާ ކުރެއްވީ ދަރިކަލުން ކުރެއްވި ކަމަކުން ކަމަށް މަންދި ބުނެފައިވާކަން ފާހަގަކޮށް ޕީއެންސީއިން ބުނީ މިއީ އެއްވެސް އަސާސެއް ނެތި ރައްޔިތުންނަށް ގަސްތުގައި އޮޅުވާލައި ފިތުނަ ފަސާދަ އުފެއްދުމުގެ ގޮތުން މަންދި ކޮށްފައިވާ ކަމެއް ކަމަށެވެ.

އެހެން ނަމަވެސް އެމްޑީޕީގެ އެކްޓިވިސްޓްގެ މި އަމަލު ދިފާއުކޮށް އެމްޑީޕީއިން ނޫސް ބަޔާނެއް ނެރެ ކަމުގެ ހަގީގަތް އޮޅުވާލަން އުޅެފައިވާތީ، ޕީއެންސީއިން ވަނީ އެކަން ކުށްވެރިކޮށްފައެވެ. އަދި އެ ޕާޓީގެ ޗެއާޕާސަންގެ މަގާމުގައި ހުންނެވި ފައްޔާޒް އިސްމާއީލްގެ ޓްވީޓްތަކުން ވެސް ކަމުގެ ހަގީގަތް އޮޅުވާލަން މަސައްކަތްކޮށް މަންދިގެ އަމަލުތައް ދިފާއު ކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ޕީއެންސީން ބުނެއެވެ.

ޕީއެންސީއިން ބުނީ އެމްޑީޕީގެ ހަރަކާތްތަކުގައި އިސްކޮށް އުޅުއްވާ ކަނބަލަކު މިފަދަ މުޑުދާރު އަމަލެއް ހިންގާފައި މިވަނީ އެ ޕާޓީ ހިމެނޭހެން މިފަދަ ކަންކަން ހުއްޓުވުމަށް ބާރުއަޅައި "ކްރޮސް ޕާޓީ ސްޓޭޓްމެންޓް ފޯ އެންޝުއަރިން ސޭފްޓީ އެންޑް އީކުއަލް އޮޕޮޗުނިޓީސް ފޯ ވިމެން އިން ޕޮލިޓިކްސް"ގެ ނަމުގައި ފަހުމުނާމާއެއްގައި ސިޔާސީ ޕާޓީތަކުން ސޮއިކޮށް އަތުގުޅާލިތާ ހަފްތާއެއްވެސް ނުވަނީސް ކަމަށެވެ. އަދި މިއީ ނުހަނު ލަދުވެތި ކަމެއް ކަމަށެވެ.

ޕީއެންސީއިން އިތުރަށް ބުނީ އެއްވެސް ކުށެއް ނެތި މީހުންގެ ހައްގުތަކަށް އަރައިގަތުމަކީ ބައިނަލްއަގުވާމީ ގާނޫނުތަކާވެސް ހިލާފު އަދި ސިޔާސީ އިމުގެ ބޭރުން ކުރެވޭ ކަންކަން ކަމަށެވެ. އެހެންކަމުން ދައުލަތުގެ ކަމާބެހޭ މުއައްސަސާތަކުން މި މައްސަލަތައް ބަލާ ފިޔަވަޅު އެޅުމަށް އެ ޕާޓީއިން ވަނީ ގޮވާލާފައެވެ.